އައްޑޫ ސިޓީގައި ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް އިން 14 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 216މިލިއަން ދިވެހި ރުފިޔާ) ލޯނު އެހީގެ ގޮތުގައި ދިނުމަށް ނިންމާ، އެކަން އިޢުލާން ކޮށްފިއެވެ.

މިކަން އިޢުލާން ކުރީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަނާއި، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ.ޙުސައިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒަކީ، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބިރީގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގައި އުފެދޭ ކުނީގެ ތެރެއިން ޠަބީޢީގޮތުން ނެތިފަނާވެދާކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ޕްރޮޕޯސަލް ދިވެހިރާއްޖެއިން އައިރީނާއަށް ހުށައަޅާފައިވަނީ 2019 ވަނަ އަހަރުއެވެ.

ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އިޢާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް އައިރީނާ އާއި އޭޑީއެފްޑީ ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން 2020 ވަނަ އަހަރު ވަނީ ޖުމުލަ 104.5 މިލިއަން އެމެރިކާ ޑޮލަރު 8 ގައުމަކަށް ދެއްވާފައެވެ.

އައިރީނާ - އޭޑީއެފްޑް ޕްރޮޖެކްޓް ފެސިލިޓީގެ 7 ވަނަ ބުރުގައި 95 ޤައުމަކުން ވާދަކޮށްފައި ވެއެވެ. މީގެ ތެރެއިން މިއަހަރު ފައިސާ ހަމަޖެހިފައިވަނީ 8 ޤައުމަކަށެވެ.