އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ބައެއް މެމްބަރުންނާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްގެ އިތުރަށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްލަތީފުގެ ނަންވެސް ޕާޓީގެ ދަފްތަރުގައި ހިމަނާފައިވާކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒްގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތް ކަން އެނގިފައި ވަނީ، ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީ ދަފްތަރުގެ ތިމަރަފުށީ ދާއިރާގެ ލިސްޓު ބެލުމުގެ ތެރެއިން ރިޔާޒްގެ ނަން ފެނި މީހަކު އެކަމާ ސުވާލު އުފެއްދުމުން ނެވެ. ފަހުން ރިޔާޒްގެ އެދިވަޑައިގެން ލިސްޓުން ނަން އުނިކޮށްފައިވާ ކަމަށްވެ އެވެ.

މީގެ އިތުރަށް އެ ލިސްޓުގައި ނަން ހިމެނިވަޑައިގަންނަވާ މެމްބަރުން ކަމުގައިވާ އަބްދުﷲ ޚަލީލް އާއި، އަބްދުއްލަތީފުވެސް ވަނީ ލިސްޓުން ނަން ފެނި، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފަ،،އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި، އެމްޑީޕީގެ ޓްވިޓާ އެކައުންޓް ޓެގް ކުރައްވައި ލަތީފު ވިދާޅުވީ، އޭނާގެ މައުލޫމާތު ވަގަށް ނަގައި އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތުމަކީ ޖިނާއީ ކުށެއް ކަމަށެވެ. އަދި އެއީ އެމްޑީޕީގެ ޕްރައިމަރީގައި ވައްކަން ކުރުމަށާއި ވޯޓު އޮޅުވާލަން ހިންގާ ޖަރީމާއެއް ކަމަށެވެ.

ލަތީފްގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ބައެއް އާއްމު މެމްބަރުންގެ ނަން ވެސް، އެމްޑީޕީގެ ދަފްތަރުގައި އޮތް ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުން ނެވެ.

އެމްޑީޕީގެ ދަފްތަރުގައި ނަން އޮތް ކަމަށްބުނެ ކަންބޮޑުވުން ފާޅުކުރައްވައި، ކުރެއްވި ޓުވީޓުގައި ހަލީލް ވިދާޅުވީ، އެމްޑީޕީގެ ރަޖިސްޓްރީ ޗެކް ކުރިއިރު ނަން ފެނިވަފައިވާ ކަމަށެވެ. އަދި އެމްޑީޕީން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ މައުލޫމާތުތައް ވަގަށް ނަގައިގެން ގެންގުޅޭ ކަމަށްވެސް ތުހުމަތުކުރައްވާފައިވެ އެވެ.

މި މެމްބަރުންގެ އިތުރަށްވެސް އިދިކޮޅު ޕީޕީއެމްގެ ބައެއް މެމްބަރުންގެ މައުލޫމާތުތައް އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށްބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްތަމުންދާ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑު ކޮށްފައި ނުވާނެ ކަމަށެވެ.

ރަޖިސްޓްރީގައި މައްސަލަތައް ދިމާވުމުން ބައެއް މީހުން ވަނީ، މިއީ ޕްރައިމަރިއާ ދިމާކޮށް، އެމްޑީޕީން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރަމުން ނެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.