ތެހެރާނުން ފުރައިގެން ދިޔަ ޔޫކްރޭންގެ ފަސިންޖަރު މަތިންދާ ބޯޓަށް ހަމަލާދެވުނީ، އެއީ އެމެރިކާއިން ފޮނުވާލި ކްރޫޒް މިސައިލެއް ކަމަށް ހީކޮށް އޮޅިގެން ކަމަށް، އީރާނުގެ ނުފޫޒުގަދަ އިސްލާމިކް ރިވޮލިއުޝަން ގަރޑްސް ކޯޕްސްގެ އެއިރޯސްޕޭސް ކޮމާންޑަރ އާމިރުއަލީ ހާޖީޒާދިހް ވިދާޅުވެއްޖެއެވެ.

ކޮމާންޑަރ އާމިރުއަލީ ވިދާޅުވީ، އެދުވަހަކީ، އީރާނު ސިފައިން އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ ބޭހަކަށް މިސައިލް ހަމަލާތައް ދިން ރޭގެ އަނެއްދުވަސްކަމުން، އެމެރިކާއިން އަތުވެދާނެ ރައްދު ހަމަލާއަކަށް ސިފައިން ތިބީ ވަރަށްބޮޑު ނުތަނަވަސްކަމެއްގައި ކަމަށެވެ.

ޔޫކްރެއިންގެ މަތިންދާ ބޯޓަށް ހަމަލާދިން ސައިޓްގައި ތިބި މީހުންވެސް ތިބީ، އެމެރިކާގެ ކްރޫޒް މިސައިލެއް އަތުވެދާނެކަމުގެ ފިކުރުގައި ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުގައި ކަމަށެވެ.

"އެމީހުންނަށް ހީވީ ޔޫކްރެއިންގެ މަތިންދާ ބޯޓަކީ އެމެރިކާގެ ކްރޫޒް މިސައިލެއް ކަމަށް. މިސައިލް ފޮނުވާލި ސައިޓް އޮޕަރޭޓަރަށް ކޮމިއުނިކޭޝަން މައްސަލަތަކެއްވެސް ކުރިމަތިވީ. ނުބައި ނިންމުމެއް ނިންމައި މިސައިލް ފޮނުވާލީ، އެ މިސައިލް ބޯޓަށް އަމާޒުވީ"
އާމިރުއަލީ ހާޖީޒާދިހް

އާމިރުއަލީ ވިދާޅުވީ، ޔޫކްރެއިން މަތިންދާ ބޯޓަށް ދެވުނު ހަމަލާގެ ފުރިހަމަ ޒިންމާ، އިސްލާމިކް ރިވޮލިއުޝަން ގަރޑްސް ކޯޕްސްއިން އުފުލާ ކަމަށެވެ. އަދި މިމައްސަލާގައި ކަމާބެހޭ ފަރާތްތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ކިޔަމަންވެ އެކަން ތަންފީޒުކުރާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އީރާނުގެ އޭވިއޭޝަން އޮގަނައިޒޭޝަނުންނާއި، ކަމާބެހޭ އެހެން ފަރާތްތަކުން ޔޫކްރެއިން މަތިންދާ ބޯޓް ވެއްޓުނު ހާދިސާގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެ ފެތުރިފައިވާ ވާހަކަތައް އާމިރުއަލީ ދޮގުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އޭވިއޭޝަން އޮގަނައިޒޭޝަނުންނާއި، ކަމާބެހޭ އެހެން ފަރާތްތަކުން ފުރަތަމަ ވާހަކަދެއްކީ، އެވަގުތަށް ލިބިހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އީރާނު ސިފައިންނާއި، އިސްލާމިކް ރިވޮލިއުޝަން ގަރޑްސް ކޯޕްސްއިން އެއްވެސް ކަމެއް ސިއްރުކުރަން ބޭނުން ނުވާކަމަށްވެސް އާމިރުއަލީ ވިދާޅުވިއެވެ.

ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންގެ މަތިންދާ ބޯޓް، އީރާނު ސިފައިން ހަމަލާދީ ވައްޓާލާފައިވަނީ، ޔޫކްރެއިންގެ ކިޔޭވަށް ދިއުމަށްޓަކައި ތެހެރާން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރިތާ މާ ގިނައިރެއް ނުވަނީހެވެ. އެއީ މިދިޔަ ބުދަދުވަހެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި 176 މީހުންވަނީ މަރުވެފައެވެ. އެއީ، 167 ފަސިންޖަރުންނާއި، 9 ކްރޫ މެމްބަރުންނެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އީރާނުގެ 82 މީހުންނާއި، ކެނެޑާގެ 57 މީހުންނާއި، އިންޑިއާގެ އެތައްބަޔަކާއި، ޔޫކްރެއިންގެ 11 މީހުން ހިމެނެއެވެ.

ބޯޓް ވައްޓާލި ހާދިސާއާ ގުޅިގެން މުޅި ދުނިޔޭގެ ކުށްވެރިކުރުންތަކާއި، ނުރުހުން އީރާނަށް ވަރަށް ބޮޑަށް އަމާޒުވެ، ބޮޑެތި ފިއްތުންތައްވެސް ކުރިމަތިވެފައި ވެއެވެ.

އަނެއްކޮޅުން، މިހާދިސާއާ ގުޅިގެން ތެހެރާނުގެ މަގުތަކަށް އެތައްހާސްބަޔަކު ނުކުމު ސަރުކާރަށް ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ. މަގުތަކަށް ނުކުމެފައިވާ އާންމުން ގެންދަނީ ސަރުކާރުގެ ވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

މުޒާހަރާއަށް ނުކުމެފައިވާ އީރާނުގެ އިދިކޮޅު ލީޑަރަކުވަނީ، އީރާނު ސަލާމަތީ ބާރުތަކުގެ ކޮމާންޑަރ އިން ޗީފަކީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީކަމުން، ބޯޓް ވައްޓާލި ހާދިސާގެ ފުރިހަމަ އަދި ސީދާ ޒިންމާ އޭނާ އުފުއްލަވަންޖެހޭ ކަމަށެވެ. އެހެންކަމުން، ޚާމަނާއީ ވަގުތުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ލީޑަރު ގޮވާލެއްވިއެވެ.