މި އަހަރު ކޯޓުތަކުގައި ކުރިއަށްގެންދާ ޝަރީއަތްތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަނޑިޔާރު ގެތަކަކީ އާންމުންގެ އިތުބާރު ވަރަށް ބޮޑާށް ގެއްލިފައިވާ ތަންތަން ކަމުގައި ވާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އަމާޒަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުން ކަމުގައި އެމަނިކުފާނު ދަނީ ތަކުރާރުކޮށް ވިދާޅުވަމުން ނެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިތުބާރު ލިބޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށެވެ. ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރަކީ ރާއްޖޭގައި ހިނގާ ހުރިހާ ޝަރީޢަތެއް، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އަހަރު ކަމަށް ހެއްދެވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ. އަދި އެކަމަށް އެ އޮފީހުން ލިބެންވާ ހުރިހާ އެއްބާރުލުމެއް އެންމެ ފުރިހަމައަށް ދެއްވާނެ ކަމަށެވެ.

މީގެ އިތުރަށް ޕީޖީ ވަނީ ޝަރީއަތްތަކަށް ވަނުމުގައި ފުރިހަމަކުރަން ޖެހޭ އިދާރީ ކަންކަމަށް ވެސް ލުއިތައް ދިނުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ.

އެގޮތުން ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަތައް ފިޔަވައި، ޝަރީޢަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ފުރުމާއި، ވަނުމަށްފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެފަދަ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ކޯޓުތަކުގެ ގަވައިދު އޮންނަ ގޮތުން، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ޝަރީއަތްތަކަށް ވަންނަން ދުރާލައި ނަން ނޯޓް ކުރަން ޖެހެއެވެ. އެގޮތުން ބައެއް ފަހަރު އެތައް ގަޑިއިރެއް ކުރިން ނަން ނޯޓް ކުރަން ޖެހޭ ގޮތަށް ވެސް ބައެއް ކޯޓްތަކުން ހަމަޖައްސައެވެ.

މިކަން މިހެން އޮންނަނީ ކޯޓުތަކުގެ މާލަން ކުޑަ ކަމުން ކަމަށްވެސް ބައެއް ކޯޓުތަކުން ބުނެ އެވެ. މި ސަބަބަށްޓަކައި ވަންނަން އެދޭ ބައެއް ފަރާތްތަކަށް ނުވަދެވިދާ ފަހަރުވެސް ކުރިމަތިވެ އެވެ.

ނޫސްވެރިންނަށް ލުއިތައް ދިނުމުގެ ގޮތުން މިހާރު އޮންނަ އުސޫލު ބަދަލުކޮށް ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓުފޮތް ވެއްދޭ ގޮތް ހެދުމަކީ ވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޕީޖީ ވިދާޅުވި އެވެ.

މިހާރު އޮންނަ އުސޫލުގެ ދަށުން ޝަރީއަތުގެ މަޖިލީހަށް ނޯޓުފޮތެއް ހާ ހިސާބުވެސް ނުވެއްދެ އެވެ. ނޯޓު ކުރުމަށް ކޯޓުން ދެނީ އޭފޯ ކަރުދާ ހަކާއި ފަންސުރެއް ނުވަތަ ގަލަމެކެވެ. މި ކަމަކީ މިހާރު އޮންނަ ގޮތުން ޝަރީއަތްތަކުގައި ނޫސްވެރިންނަށް ދިމާވާ އެއް މައްސަލައިގެ ގޮތުގައި ނޫސްވެރިން އަބަދުވެސް ފާހަގަކުރެ އެވެ.