އޮޅުވެލި ބީޗް އެންޑްް ސްޕާ ރިސޯޓުގެ އެކްސްޕެންޝަން މަސައްކަތްކުރުމަށް ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި، ހިލާފަށް ބައެއް ކަންކަން ކޮށްފައި ވާތީ، އެ ރިސޯޓް 313،250 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޮޅުވެލި ރިސޯޓު ބޮޑު ކުރުމާ ގުޅޭ ގޮތުން، ފާސްކޮށްފައިވާ އެންވަޔަރުމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓާއި ޓުއަރިޒަމް މިނިސްޓްރީން ބަލައިގެންފައިވާ ކޮންސެޕްޓާ ހިލާފަށް އެ ރިސޯޓުން ބައެއްގައި މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އޮޅުވެލި ރިސޯޓު ޖޫރިމަނާ ކުރީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ކަމަށް އީޕީއޭ އިން ބުނެ އެވެ. އަދި މި މަހުގެ 7 ވަނަ ދުވަހު ކުރި އެ ޖޫރިމަނާގެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް ދެއްކުމަށް ވެސް ވަނީ އަންގާފަ އެވެ.

ސަން ސިޔާމް ރިސޯޓްސް އިން ކ. އަތޮޅުގައި ހިންގާ އޮޅުވެލި ރިސޯޓް ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، އެ ރަށުގެ ފަޅުތެރެ އިން އިތުރު ރަށެއް ހިއްކައިގެން، "ޑްރީމް އައިލެންޑް"ގެ ނަމުގައި ވަކި ރަށެއް ހަދައި އެ ތަނުގައި މުޅިން އައު ކޮޓަރިތަކެއް ވަނީ ތަރައްގީކޮށްފަ އެވެ.

އޮޅުވެލި ބީޗް އެންޑްް ސްޕާ ރިސޯޓުގެ ބޮޑު ކުރުމަށް އީއައިއޭ ހެދި ނަމަވެސް، އެ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަންތައްތަކާއި ހިލާފަށް މޫދު ކޮޓަރިތަކެއް ވަނީ ހަދައިފަ އެވެ. އީއައިއޭ ރިޕޯޓު ހެދި ޕްރޮޖެކްޓަށް އެއްވެސް ބަދަލެއް ގެންނަ ނަމަ އެކަން އީޕީއޭ އަށް އަންގައި އަލުން އީއައިއޭ ހަދަން ޖެހޭނެ އެވެ.