ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ އެއް ގައުމު ކަމުގައިވާ، ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބޮޑު އައުޓްޑޯ ކެމްޕޭނެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ފަށައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕޭންގެ ހަރަކާތްތައް ޗައިނާގެ ވެރިރަށް ބެއިޖިންގެ އިތުރަށް، ގުއާންޒޯ އަދި ޝަންހާއީ ގައި ކުރިޔަށްގެންދަން ނިންމާަފައިވާ ކަމަށެވެ.

މި ކެމްޕޭންގެ ދަށުން، ބެއިޖިންގެ އެންމެ ބޮޑެތި އޮފީސް އިމާރާތްތަކުގައި ހަރުކޮށްފައި ހުރި 2،000 ލެޑް ސްކްރީންގައި އާއި ގުއާންޒޯގެ އެންމެ ބޮޑެތި ފަސް ޝޮޕިން މޯލްގެ ބޭރުގައި ހުރި ލެޑް ސްކްރީން ތަކުގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ވީޑިއޯ އިޝްތިހާރުތައް ދައްކަމުންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެ އެވެ.

މީގެއިތުރަށް ޝަންހާއީގެ އެންމެ ބާރު ބޮޑު، ދުވާލެއްގެ މައްޗަށް ދޮޅުލައްކައެއްހާ މީހުން ބޭނުންކުރާ މެޓްރޯ ސްޓޭޝަންގައި ބަހައްޓާފައިވާ ހަތް ލެޑް ސްކްރީނެއްގައި ރާއްޖެ އިން ފަތުރުވެރިންނަށް ލިބެންހުރި ހިދުމަތްތައް ދައްކައިދޭ އިޝްތިހާރުތައް ދައްކަމުންދާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

މި ކެމްޕޭންގެ އިތުރަށް، ޗައިނާ މާކެޓްގައި މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި، ދެ ފެއާއެއްގައި ބައިވެރިވުމާއި ދެ ރޯޑްޝޯ ބޭއްވުމުގެ އިތުރުން މީޑިއާ އާއި ސެލެބްރިޓީން ހިމެނޭ ގޮތުން ފެމިލިއަރައިޒޭޝަން ދަތުރުތައް އިންތިޒާމްކުރުން ހިމެނެ އެވެ. އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތައް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

މިދިޔަ އަހަރު ވެސް އެމްއެމްޕީއާރުސީން ވަނީ ޗައިނާ މާކެޓަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން ފެއާތަކުގައި ބައިވެރިވުމުގެ އިތުރަށް، ޗައިނާގެ ބޮޑެތި ސިޓީތަކުގައި ރާއްޖެ އަށް ހާއްސަ ރޯޑްޝޯތައް ބޭއްވުން ހިމެނެ އެވެ. އަދި ޗައިނާގެ އެންމެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖެ އަށް ހާއްސަ ޑިޖިޓަލް މީޑިއާ ކެމްޕޭން ތައްވެސް ވަނީ ހިންގާފަ އެވެ.

ޗައިނާ އަކީ އެއް ގައުމަކުން އެންމެ ގިނަ އިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ. އެގޮތުން، މިދިޔަ އަހަރު ޖުމްލަ 284،372 ޗައިނާ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި އެމްއެމްޕީއާރުސީ އިން މިދިޔަ އަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްގެންގޮސްފައިވެ އެވެ.

ނިމިގެންދިޔަ 2019 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ އަހަރެކެވެ. އެގޮތުން ސަރުކާރުން ކަނޑައެޅި 1.5 މިލިޔަން ފަތުރުވެރިންގެ ޓާގެޓަށް، ކަނޑައެޅި ތާރީހަށްވުރެ 38 ދުވަސް ކުރިން ވާސިލްވެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.