އައްޑޫ ސިޓީގެ 3 އަވަށެއްގައި ގާއިމްކުރަން ނިންމާފައިވާ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

އައްޑޫގައި ޤާއިމު ކުރާ ގޭދޮށު މަސް ފެކްޓްރީ ޤާއިމު ކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ އިޢުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފަހުކޮޅުގަ އެވެ. އެފަހަރު އެއްވެސް ފަރާތަކުން އެކަމަށް ކުރިމަތި ނުލުމުން އިއުލާން ބާތިލްކޮށް ދެވަނަ ފަހަރަށް މިމަހުގެ 6 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

އެހެންނަމަވެސް ދެވަނަ ފަހަރަށް ކުރި އިއުލާން ވެސް، އެންމެ ފަރާތަކުން ކުރިމަތިލުމުން ބާތިލްކުރީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. އައްޑޫސިޓީ ކައުންސިލުން މިކަމަށް 3 ވަނަ ފަހަރަށް އިއުލާންކޮށްފައި ވާއިރު، ބިޑް ހުށަހެޅުމާއި ބަލައިގަތުން މިމަހުގެ 15 ވަނަ ދުވަހު 1:00 ގައި އައްޑޫ ސިޓީ ކައުންސިލު ހޯލުގައި ކުރިއަށްދާނެކަމަށް އެކައުންސިލުން ބުނެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި ހުޅުމީދޫ ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްޕްލާންޓް ތަކަކީ، އައްޑޫ އިން މަސްކިރާ، ޕްރޮސެސްކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ތައްޔާރުކުރާ ތަންތަނެވެ.

މީގެ އިތުރަށް 20 ޓަން އައިސް އުފައްދާ 10 ޓަނުގެ މަސް މި ޕްލާންޓުތަކުގައި ރައްކާކުރެވޭއިރު، މި ޕްލާންޓު ތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދު މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ 3 އަވަށެއްގައި "ގޭދޮށު މަސް ފެކްޓްރީ" ގާއިމްކުރަން މަސައްކަތް ކުރަމުންދާއިރު، 19 ވަނަ މަޖިލީހުން ފާސްކުރި މަސްވެރިކަމާއިބެހޭ އައު ޤާނޫނުގައި "ގޭދޮށު މަސް ފެކްޓްރީ" ގާއިމްކުރުމަށް ވަނީ ހިމަނާފަ އެވެ.

ހުސްވި 2019 ސެޕްޓެމްބަރ 16 ގައި، ރައީސުލްޖުމްހޫރިއްޔާ ދަސްދީގުކުރެއްވި، މި ޤާނޫނުގައި މަސްވެރިންނާ ގުޅުންހުރި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.

އޭގެތެރެއިން އެއް ކަމަކީ، "ގޭދޮށު މަސްފެކްޓަރީ" އެޅުމެވެ. އަދި ގޭދޮށު މަސް ފެކްޓަރީތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 55 އިންސައްތަ މުވައްޒަފުންނަކީ ދިވެހިން ކަމަށް ހެދުމަށްވެސް ޤާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.