ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރައްވައިފިއެވެ.

ޑރ. ޖަމީލް މިފަދަ ތުހުމަތުތަކެއް ކުރެއްވީ އެމްޑީޕީގެ ދަފްތަރުގައި ޖެހިފައި ނެތް ނަންތަކެއް އެ ޕާޓީގެ ދަފްތަރުގެ ރެކޯޑްސް ތަކުން ފެންނަ ކަމަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ އިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ވަގުތެއްގަ އެވެ.

އެމްޑިޕީގެ ދަފްތަރުގައި ހިމެނިފައިވަނީ ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް އާއި ހއ. ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފުގެ އިތުރަށް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒް އެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ދަފުތަރު ސައްހަ ނޫން ކަމަށާއި އެކަން ބެލުމަށް ޓަކައި ފުރިހަމަ ތަހުގީގެއް ކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީއަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އަދި އެއީ ޖިނާއި ކުށެއް ކަމަށާއި އެ ކަމަކީ ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ މައްސަލައެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އެމްޑީޕީ އޮތް އިރު، ދެވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ އަކީ ޕީޕީއެމް އެވެ.

މި ތުހުމަތުތަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕާޓީތަކުގެ ދަފުތަރުގައި ނަން ރަޖިސްޓްރީ ކުރަނީ ވެސް އަދި އުނިކުރަނީ ވެސް އެކަމަށް އޮންނަ އުސޫލާއި އެއް ގޮތަށް ކަމަށެވެ. އަދި އީސީ އަކީ ސިޔާސީ ޕާޓީތަކަށް މެމްބަރުން ވެއްދުމާއި އަދި އެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުގެ ބާރު އޮންނަ ބައެއް ނޫން ކަމަށެވެ.