ސަރުކާރު ނުވެއްޓި އޮންނަނީ ކޯލިޝަންގެ ސަބަބުން ކަމަށް ޕްރޮގްރެސިވް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނަށް ހިތްހަމަ ޖެހުން ނުލިބޭ ސަބަބަކީ ކޯލިޝަން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވާ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަނޑައެޅި އިރުވެސް ކޯލިޝަން އޮތް ކަމަށެވެ. އަދި ވެރިކަމަށް އައީ ކޯލިޝަނުން ވެސް ކުރި މަސައްކަތުން ކަމަށާއި ސަރުކާރު ނުވެއްޓި އޮންނަނީ ވެސް ކޯލިޝަންގެ ސަބަބުން ކަމަށެވެ.

"ސަރުކާރު ސްލޯވެފަ، އިޚްލާސްތެރިކަމެއް ނެތިފަ ހިންގަން ނޭގެތީ ޚިދުމަތް ނެދެވެނީ
އާދަމް ޝަރީފް

އާދަމް ޝަރީފް މިފަދައިން ވިދަޅުވެފައި މިވަނީ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް ވެރިކަމުގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުން ނުލިބެނީ އިއްތިހާދުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ޕާޓީގެ މެންބަރުންނާއި ޕާޓީގެ މަސައްކަތުގައި އުޅުނު މީހުންނަށް ހައްގުވާ މިންވަރު ނުލިބެނީ ބައިއަޅަން ޖެހޭތީ ކަމަށާއި ސަރުކާރު އުފެދިގެން އައީ އިއްތިހާދުގެ ތެރެއިން އެހެން ޕާޓީތަކާ ގުޅިގެންކަން ކަމަށެވެ. އެހެން ޕާޓީތަކާ ގުޅިގެން ވެރިކަމަށް އައި ނަމަވެސް މަޖިލީހުގެ އިންތިހާބާއި ކުރިމަތިލީ އެމްޑީޕީން އެކަނިކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ރައްޔިތުން ދިނީ އެމްޑީޕީއަށްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އޭގެން ރައްޔިތުން އެދޭގޮތާއި އެމީހުން ތިބި ގޮތް ސާފުވެފައިވާ ކަމަށެވެ.