ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ އަދި ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް އިއްވި ޚާއްސަ ކޯޓު އެކުލަވާލާފައިވަނީ ގާނޫނާ ޚިލާފް ގޮތެއްގައި ކަމަށް ޕާކިސްތާނުގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

މުޝައްރަފްގެ މައްސަލަ ބެލި ޓެރަރިޒަމްގެ ޚާއްސަ ކޯޓުން މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް އިއްވީ، މިދިޔަ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

މުޝައްރަފްގެ މައްޗަށް ޝަރީއަތް ހިންގީ، އޭނާގެ ވެރިކަމުގައި 2007 ވަނަ އަހަރު ކުއްލިއަމުރުގެ ގާނޫނު ހިންގަވައި، އޭގެފަހުން ހިނގައިދިޔަ ކަންތަކާ ގުޅިގެންނެވެ. މުޝައްރަފް ކުއްލި އަމުރުގެ ގާނޫނު ހިންގެވީ އޭނާގެ ވެރިކަމާ ދެކޮޅުހެދުންތައް އިތުރުވާން ފެށުމުންނެވެ. ކޯޓުން ކަނޑައަޅާފައިވަނީ، މުޝައްރަފް އެކަން ކުރެއްވީ، ޕާކިސްތާނުގެ ގާނޫނުއަސާސީގެ 6 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އެއީ ގައުމަށް ޣައްދާރުވުން ކަމަށެވެ.

ޚާއްސަ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުން މުޝައްރަފްގެ މައްޗަށް އިއްވެވި ހުކުމަށް ތާއީދުކުރެއްވިއެވެ. މުޝައްރަފްގެ މައްޗަށް ހުކުމްކުރީ އޭނާގެ ޣައިރުހާޟިރުގައެވެ. އޭނާ ވަޑައިގެން އުޅުއްވަނީ ގައުމުން ބޭރުގައެވެ.

މަރުގެ ހުކުމުގެ މައްސަލަ މުޝައްރަފްގެ ފަރާތުން އިސްތިއުނާފްކޮށް އެދިފައިވަނީ ޚާއްސަ ކޯޓުގެ ނިންމުން ބާތިލްކޮށްދިނުމަށެވެ. އަދި އެ މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ލިބިގެން ނުވާކަމަށްވެސް ބުނެފައި ވެއެވެ.

އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ލާހޫރު ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ، ކުރީގެ ރައީސާ ދެކޮޅަށް މަރުގެ ހުކުމް އިއްވި ކޯޓް އެކުލަވާލާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އަދި ދައުވާ ކޮށްފައިވަނީވެސް ގާނޫނީ އިންތަކުގެ ބޭރުން ކަމަށެވެ.

ނަމަވެސް، މުޝައްރަފްގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ގޮތަށް، ޚާއްސަ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުން ސީދާ ބާތިލްކޮށްފައެއް ނުވެއެވެ. ޚާއްސަ ކޯޓުން އިއްވާފައިވާ މަރުގެ ހުކުމުގެ ސައްހަކަމާމެދު އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، މުޝައްރަފްގެ ވަކީލުން ވިދާޅުވެފައިވަނީ، ކޯޓު އެކުލަވާލާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅުމުން، ޚާއްސަ ކޯޓުން އިއްވި މަރުގެ ހުކުމްވެސް ސައްހަ ނުވާނޭ ކަމަށެވެ.

ލޭއޮހޮރުވުމެއްނެތް އަސްކަރީ އިންގިލާބެއް ގެނެސް، ޖެނެރަލް މުޝައްރަފް ޕާކިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރެއްވީ 1999 ވަނަ އަހަރުއެވެ. އޭރު އޭނާއަކީ ޕާކިސްތާނު ސިފައިންގެ ވެރިޔާއެވެ. އޭގެފަހުން އޭނާވަނީ 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ރައީސްކަން ކުރައްވާފައެވެ.

ޖެނެރަލް މުޝައްރަފްގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، ޕާކިސްތާނުގެ ނުފޫޒުގަދަ އަސްކަރިއްޔާއާއި، ޖުޑިޝަރީއާ ދެމެދު އަރާރުންތަކެއް ދިޔައީ ހިނގަމުންނެވެ.

ޖެނެރަލް މުޝައްރަފަކީ، ޕާކިސްތާނަށް ޣައްދާރުވުމުގެ ދައުވާ އުފުލުނު ސިފައިންގެ ފުރަތަމަ ވެރިޔާއެވެ. ބުނެވޭގޮތުގައި، ޖެނެރަލް މުޝައްރަފް ފިއްލަވައިގެން ގައުމު ދޫކުރައްވައި ވަޑައިގަތުމަށް މަގުފަހިކޮށްދީފައިވަނީވެސް އަސްކަރިއްޔާއިންނެވެ.

ޖެނެރަލް މުޝައްރަފްގެ މައްޗަށް ކޯޓުން ހުކުމް އިއްވުމާއެކު އަސްކަރިއްޔާއިން ވަރުގަދަ ބަސްތަކެއް ހިމެނޭ ބަޔާނެއްވެސް ނެރުނެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކޯޓުގެ ހުކުމުގެ ސަބަބުން ސިފައިންނަށް "ވޭނާއި ހިތްދަތިކަން" ލިބިފައިވާ ކަމަށެވެ. ޝަރީއަތް ކުރިއަށް ގެންދިޔައީ އޮންނަ އުސޫލުގެ ތެރެއިން ނޫންކަމަށް ދެކޭ ކަމަށާއި، އެކަން ކޮށްފައިވަނީ އަވަސް އަރުވާލައިގެން ކަމަށްވެސް ބުނެފައި ވެއެވެ.

ޖެނެރަލް މުޝައްރަފަކީ، ގައުމުގެ ދިފާއުގައި ހަނގުރާމަތައް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، އޭނާ 'ޣައްޒާދާރަކަށް" ވާނޭ އެއްވެސް ގޮތެއް ނޯންނާނޭ ކަމަށްވެސް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.