ހއ. ހޯރަފުށީ އެއަރޕޯޓުގެ ޓާމިން އާއި ފަޔަރ ސްޓޭޝަންގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި އެވެ.

ރީޖަނަލް އެއާޕޯޓްްސްގެ އެދުމުގެ މަތިން ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އާއި ފަޔާ ބިލްޑިން އިމާރަތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

އެ މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ، އެ މަސައްކަތުގެ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

އަދި ފައިސާ ބަލައިގަތުން ކުރިޔަށްދަނީ މި ހިނގާ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި 75000 ރުފިޔާ ދައްކަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގަ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން ބޮޑު ސަރަޙައްދެއް ވަނީ ހިއްކާފައެވެ.

ހއ. ހޯރަފުށީގައި އެއާޕޯޓް އެޅުމަށްޓަކައި އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު މިހަރު ހިއްކައި ނިންމާފައިވާ ކަމަށް، އެ މަސައްކަތް ކުރަން ހަވާލުކުރި ކުންފުނި އެމްޓީސީސީ އިން ވަނީ ބުނެފައެވެ. 67 މިލިއަން ރުފިޔާ އަށް އެމްޓީސީސީން ކުރިޔަށްގެންދިއަ އެ މަޝްރޫއުގައި އެމްޓީސީސީން ވަނީ ތިން ލައްކަ ސާޅީސް ފަސްހާސް ފަސްސަތޭކަ އަކަމީޓަރު ހިއްކާފަ އެވެ.

ހޯރަފުށީ ގައި އެއާޕޯޓް ތަރައްގީ ކުރުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

ހޯރަފުށީ ގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީން މަަސައްކަތް ފަށާފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އެއާޕޯޓް އެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ ހއ. މާފިނޮޅުގަ އެވެ.

ނަމަވެސް ރީތިކޮށް އޮންނަ ފަޅުރަށްރަށުގައި އެއާޕޯޓު އެޅުން ފަދަ މަޝްރޫއުތައް މި ސަރުކާރުން ނުހިންގުމަށް ނިންމާފައިވާތީ، މިސަރުކާރު އައުމަށްފަހު ވަނީ އެ އެއާޕޯޓް ހެދުން ހޯރަފުއްޓަށް ބަދަލުކޮށްފަ އެވެ.