ރާއްޖޭގައި އެންމެ ފުރަތަމަ މުވާސަލާތީ ޚިދުމަތް ދޭން ފެށި ކުންފުނި، ދިރާގުން އީސިމްގެ ޚިދުމަތް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނީ އީސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަގްބަލަކަށް ވާސިލް ވުމަށް އިތުރު ބާރަކަށްވެ، މޮބައިލް ކަނެކްޝަންތައް މެނޭޖް ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އީސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓް ކުރާ ފޯނުތަކުގައި، އާދައިގެ ސިމްއަކާ އެކު، ކޮންމެވެސް އެއް އީސީމް ޕްރޮފައިލެއް އެއް ވަގުތެއްގައި ބޭނުންކުރެވޭނެ އެވެ. އެހެންކަމުން، އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅޭ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެވުން ފަދަ ލުއިފަސޭހަތައް މި ހިދުމަތުގެ ސަބަބުން ލިބިގެންދާނެ އެވެ.

އީސިމްގައި ތަފާތު އަށް ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވެ އެވެ. މިއީ، ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ވެސް ފަސޭހަކަމާ އެކު ސިމް މެނޭޖްކުރެވޭނެ ހިދުމަތަކަށް ވެގެން ދާނެ އެވެ.

ދިރާގު އީސިމް އެކްޓިވޭޓް ކުރުމަށް ފަސޭހަކަމާ އެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގުގައި ކަސްޓަމަރުންނަށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

އީސިމްގެ ހިދުމަތް ބޭނުންކުރެވޭނީ އީސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގަ އެވެ. އެގޮތުން އީސިމް ސަޕޯޓްކުރާ އެންމެ މަގްބޫލު ސަމާޓްފޯނުތަކުގައި ދިރާގު އީސިމް ސަޕޯޓް ކުރާނެކަމަށް ދިރާގުން ބުނެއެވެ.

އެގޮތުން އައިފޯން އެކްސް އެސް، އައިފޯން އެކްސް އެސް މެކްސް، އައިފޯން އެކްސް އާރް، އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ މެކްސްގެ އިތުރުން އެންޑްރޮއިން ޕޯނުތަކުގެ ތެރެއިން ގޫގުލް ޕިކްސެލް 3 އިން ފެށިގެން ފަހުގެ ފޯނުތަކަށް އީ ސިމްގެ ޚިދުމަތް ލިބޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގަކީ ދުނިޔެ އަށް އަލަށް ތައާރަފް ކުރާ އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ.

ދިރާގުގެ އަމާޒަކީ ރާއްޖެ އަށާއި ދިވެހި މުޖުތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް "ޑިޖިޓަލް ރާއްޖެ" އަކަށް މި ގައުމު ވާސިލުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.