ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމު ކޮށްފިއެވެ.

އެ ޕާޓިން އެކަން ހާމަކޮށް ކުރި އިއުލާންގައި ވަނީ އެންމެ ފަހުން ސިޓީއެއްގެ ދަރަޖަދިން ކުޅުދުއްފުށި ސިޓީގެ ލިސްޓް ފިޔަވާ އެހެން ސީޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ލިސްޓް އާންމު ކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލްތަކަށް 108 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު އަތޮޅުކައުންސިލްތަކަށް 53 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އަދި ރަށުކައުންސިލަށް 1067 ކެންޑީޑޭޓުން ވަނީ ކުރމަތިލާފައެެވެ. އަދި ކުޅުދުއްފުށި ސިޓީ އަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޕްރައިމރީގައި ވާދަކުރުމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވާދަވެރިކަން ބޮޑުވެފައިވާ އެއް މަގާމަކީ މާލެ ސިޓީގެ މޭޔަރުގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި މާލޭގެ މޭޔަރު ކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ހިމެނިވަޑާއިނަވައެވެ. އަދި މާލޭގެ މޭޔަރުކަން އެންމެ ފުރަތަމަ ކުރެއްވި ސަރަގު އާދަމް މަނިކާއި އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު އަދި މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒް ގެ އިތުރުން ދެބޭފުޅަކު ހިމެނެ އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ޖުމްލަ 384 އަންހެން ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެ އެވެ