ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ނުވަތަ މީސެލްސް އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ދަމަނަވެށިން ދޭންފަށާއިފިއެވެ.

ދަމަނަވެށިން ބުނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 5:00 އަށް ވެކްސިން ދިނުން ކުރިޔަށް ދާނެކަމަށެވެ. އެގޮތުން ވެކްސިންދޭނީ މީސެލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައި ތިބި ކުދިންގެ ތެރެއިން 18 ނުފުރޭ ކުދިންނަށް ކަމަށެވެ. ވެކްސިން ޖެހުމަށް ވަޑައިނަވާއިރު ކުއްޖާގެ އައިޑީ ކާޑުގެ އިތުރުން ވެކްސިން ފޮތް ގެނައުމަށް އެދޭ ކަމަށެވެ. އަދި ވެކްސިން ފޮތް ނެތްނަމަ ކުއްޖާގެ އައިޑީކާޑު ގެނައުމުން ވެކްސިން ޖަހައިދެވޭނެ ކަމަށްވެސް ދަމަނަވެށިން ބުނެއެވެ.

ދަމަނަވެށިން މީސެލްސް އަށް ވެކްސިން ދޭން ފަށާފައިވާއިރު މި ވެކްސިން ޖަހަން އެއްވެސް ފީއެއް ނުނަގާނެއެވެ.

ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމަށް ކަނޑައަޅާ އެކަމުގެ އެވޯޑް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ދީފިފައިވަނީ 2017 ވަނަ އަހަރު އެވެ.

އެހެންނަމަވެސް މި ފަހަކަށް އައިސް ރާއްޖެއިން ހިމަބިހި އަންނަނި ފެތުރެމުންނެވެ. އަދި އެކަން ވަނީ ހެލްތު މިނިސްޓްރީންވެސް އިއުލާން ކޮށްފައިވާއިރު މިބަލި އަނެއްކަ ވެސް ރާއްޖެއިން ފެނިފައި މިވަނީ މިފަހަކަށް އައިސް ޅަފަތުގައި ކުދިންނަށް ދޭންޖެހޭ ވެކްސިންތައް ފުރިހަމަ ކުރުމުގައި ފަރުވާކުޑަ ކުރާތީ ކަމަށް ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާން ކުރައްވާ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެފައިވަނީ ސަރުކާރުގެ އެއްވެސް ސުކޫލެއްގައި ވެކްސިން ނުޖަހާ ކުއްޖަކު ހުރިތޯ ކަށަވަރު ކުރައްވާނެ ކަމަށާއި، އަދި ސަރުކާރުވިއަސް އަމިއްލަ ތަނެއްވިއަސް ކުއްޖާ ވެއްދޭނީ ވެކްސިން ފުރިހަމަކުރުމަށްފަހުގައި ކަން ޔަގީން ކުރައްވާނެ ކަމަށެވެ.