ބީއެމްއެލް އިން ކ. ގާފަރުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ކިޔަވައިދޭ ސެންސަރިީ ކްލާސްރޫމެއް ތަރައްގީކޮށްފިއެވެ.

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ވަނީ މި ކްލާސްރޫމް މަރާމާތުކޮށް ކްލާސްރޫމަށް ބޭނުންވާ ސެން އިކުއިޕްމަންޓްސް ހޯދައި ތައުލީމީ އާ އަހަރާއެކު މި ކްލާސްރޫމް ބޭނުންކުރަން ފަށާފައެވެ.

ބީއެމްއެލް އިން ބުނީ މި ކްލާސްރޫމް ފަރުމާ ކޮށްފައިވަނީ ސެން ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ވަސީލަތްތައް ހިމަނާ ފުރިހަމަ ކުރެވިގެން ކަމަށާ މި ކްލާސްރޫމް ވެގެންދާނީ މިކުދިންނަށް ކިޔަވާދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ލިބިގެންދާ ފުރިހަމަ ހައްލަކަށް ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި ކްލާސްރޫމު ހުޅުވުމާއެކު ތައުލީމީ އާ އަހަރު ފެށިގެން ދިޔައީ ގާފަރު ސްކޫލްގެ ސެން ކްލާސް ކުދިންނާއި ބެލެނިވެރިންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ކަމަށެވެ. މި ކްލާހުގައި ބޭނުންކުރާ ވަސީލަތްތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމާއި އެކުދިންގެ ހުނަރު ތަރައްގީކުރުމަށް ވަރަށް އެކަށޭނެ ވަސީލަތްތަކެއް ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ހިންގޭ މިފަދަ ހަރަކާތްތައް ކާމިޔާބުކަމާއެކީ ނިންމާލެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ."
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު

މިމަސައްކަތް ކުރި އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވީ ގާފަރު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް ކަމަށާ ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން ދިރާސާތަކެއް ކުރެވުނު ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަމާ ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ ބަލާ ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ ކަމަށް ސާނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ. މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ލީ. ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާ އިން މި ޕްރޮޖެކްޓު މި ނިންމާލެވުނީ. "
އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ

ބީއެމްއެލް އިން ބުނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.