ފުން ޒަހަމަކާއެކު ވަޑާންގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މ. މުލަކުގައި ވަޑާންގެއެއްގެ ތެރޭގައި މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 04:57 ހާއިރު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ ގެއަށް ގޮސް ވެއްޓިފައި އޮތް މީހާ މުލަކު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ވެއްޓިފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ވެއްޓިފައިވާ މީހާގެ ވާތް ފަރާތު މޭމަތިން ވަރަށް ފުންކޮށް ގާތްގަނޑަށް 9 އިންޗިހާތަން ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

އޭނާ ވެއްޓިފައި އޮތްތަނުގެ ކައިރީގައި ކަރަންޓު ކީއްސެއް އޭރު ޖައްސާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.