ދިވެހިރާއްޖޭގެ ކަނޑުފަޅުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ހެޔޮގޮތުގައި ބޭނުންކުރުމަށް ވަރލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ކުރިއަށް ގެންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ފާނަ ބޮޑުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް އަރިއަތޮޅު ދެކުނުބުރީގައި ފަށައިފިއެވެ.

އެއަތޮޅު މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ، ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމުގެ ޒަރީއާއިން، އިޤްތިޞާދު ކުރިއަރުވައި، އާމްދަނީގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން، މޫދު ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމަށް، ރައްޔިތުން ޝާމިލުވާގޮތަށް ހިންގޭ ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ. އަށާރަ މަސްދުވަހަށް ހިންގާ މި ޕައިލެޓް ޕްރޮޖެކްޓުގައި، އދ މަހިބަދޫ، ދަނގެތި، އޮމަދޫ އަދި ދިގުރަށުން ޖުމްލަ 20 ފަރާތަކަށް މޫދުކޮށްޓާއި، ކުދި ފާނައާއި ފާނަ ބޮޑުކުރުމަށް ބޭނުންވާ ކާނާ ހަވާލުކޮށް، މި މަސައްކަތަށް ބޭނުންވާ ތަމްރީނު ދީގެން، ފާނަ މާކެޓް ސައިޒަށް ބޮޑުކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު 20 ފަރާތުގެ ތެރޭގައި، 5 އަންހެނުންނާއި 15 ފިރިހެނުން ހިމެނެއެވެ. ފިޝަރީް މިނިސްޓްރީން ބުނީ ޕައިލެޓް ޕްރޮޖެކްޓް ނިމުމުން، މިހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، މި މަސައްކަތުގައި ކުރިއަށްދާ ފަރާތްތަކަށް ދީފައިވާ ކޮށި މިލްކުކުރެވޭނެ ކަމަށާ ފާނަ ބޮޑުކުރުން ތަޖުރިބާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއަށް ބަލައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފާނަ ބޮޑުކުރުމުގެ މަސައްކަތް ފުޅާކުރެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ، ވަރލްޑް ބޭންކުގެ ހިލޭ އެހީގައި، ރާއްޖޭގެ މަސްވެރިކަމުގެ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށާއި، މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ 5 އަހަރުގެ މަޝްރޫޢެއް ކަމަށާ މި މަޝްރޫޢުގައި މައިގަނޑު 2 ކޮމްޕޯނަންޓެއް ހިމެނޭ ކަމަށެވެ. އެއީ، މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމުގެ ކޮމްޕޯނަންޓަކާއި، ނަފާދެނިވި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމުގެ ކޮމްޕޯނަންޓެވެ. މަސްވެރިކަން މެނޭޖްކުރުމުގެ ކޮމްޕޯނަންޓްގެ ތެރެއިން މައިގަނޑުގޮތެއްގައި މަސައްކަތް ކުރެވެނީ، މަސްވެރިކަމާއި ގުޅޭ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މަސްވެރިކަން މެނޭޖްކުރުމަށް އަޅާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ބޭއްވުމަށް ބޭނުންވާ މަޢުލޫމާތާއި ދިރާސާތައް ފުޅާކުރުން ކަމަށާ މެރިކަލްޗަރ ކޮމްޕޯނަންޓުގެ ދަށުން މިދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްޤީ ގާއިމުކުރުމާއި، މެރިކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، އާންމުންނަށް މެރިކަލްޗަރގެ ނަފާ ލިއްބައިދިނުން ހިމެނޭ ކަމަށް ފިޝަރީޒް އިން މައުލޫމާތުދެއެވެ.

ފިޝަރީް މިނިސްޓްރީން ބުނީ ރާއްޖޭގައި ވަށާޖެހޭ ގޮތަކަށް މެރިކަލްޗަރ ސިނާޢަތެއް ތަރައްޤީކުރުމަށް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި، މެރިކަލްޗަރ ތަރައްޤީކުރުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި، މި ދާއިރާއިން އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭނުންވާ ތަމްރީނުދޭ ތަނެއްގެ ގޮތުގައި ކ. މަނިޔަފުށީގައި މެރިކަލްޗަރ ޓްރެއިނިންގ އެންޑް ޑެމޮންސްޓްރޭޝަން ފެސިލިޓީއެއް ބިނާކުރަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ފާނައާއި އެހެނިހެން ބާވަތްތައް ވިއްސައިގެން، މެރިކަލްޗަރ މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ޅަދިރުން ފޯރުކޮށްދިނުމަށްޓަކައި ގއ. މާނާގަލާގައި މި ދަނީ މަލްޓިސްޕީޝީޒް ހެޗަރީއެއް ބިނާކުރަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.