ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ވެކްސިން ދިނުމުގައި ދިމާވާ ގޮންޖެހުމަކީ ވެކްސިން ދީފައި ތިބި މީހުން ކަށަވަރު ނުކުރެވުން ކަމަށާ، އެ މައުލޫމާތުތައް ހިމެނޭ ޑާޓާބޭސްއެއް ގާއިމް ކުރާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ވެކްސިން ނުޖަހައި ތިބި އެންމެންނަށް ވެސް ވެކްސިން ދެވޭ ވަރަށް މިވަގުތަށް ވެކްސިން އެބަހުރި ކަމަށެވެ. އެހެންނަމަވެސް ވެކްސިން ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވެކްސިން ޖަހާފައި ތިބި މީހުންނާއި ނުޖަހާ މީހުން ކަށަވަރު ނުކުރެވޭކަމަށެވެ. އެެހެން ކަމުން މިފަހަރު ވެކްސިން ދެވޭ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭހެއް ގާއިމް ކުރައްވާނެކަމަށްވެސް ވިދާޅުވި އެވެ.

ބޮޑު ޕްރޮގްރާމަށް އަޅުގަނޑުމެންދާއިރު އެ މަސައްކަތުގެ ތެރެއިން ވެކްސިންޖެހިކަމުގެ މައުލޫމާތު ރައްކާކުރެވިފައި އޮތުންވެސް މުހިންމު. މިހާރުވެސް އެެންމެ ބޮޑު މައްސަލަކަށް ފެނިފައިވަނީ ވެކްސިން ޖެހިކަން ކަށަވަރު ނުވާމީހުން ތިބިކަން. ވެކްސިންޖެހި ކަމުގެ މައުލޫމާތު ހިމެނޭ ލިއުން ނެތްބޭފުޅުންވެސް އެބަތަިބި. މި މައުލޫމާތު އަބަދަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން އެއީ މުހިންމުކަމެއް. އެކަމަށް މުހިންމު ކަމެއް ދީގެން ސަރުކާރުން އެމަސައްކަތް ވެސް ކުރިޔަށް ގެންދަން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ހިމަބިހި ފެތުރެމުން އަންނާތީ އާންމުންގެ މެދުގައިވެސް ކަންބޮޑުވުންތަކެއް ހުންނާނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ މި ވަގުތު އިސްކަން ދޭންވީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މައުލޫމާތުތަކުގެ ބަދަލުގައި ބައްޔާ ބެހޭގޮތުން ރަގަޅު މައުލޫމާތު އޮޅުންފިލުވުންކަމަށެވެ. އަދި ވެކްސިން ދިނުމުގައި ކުޑަކުދިންނަށް އިސްކަން ދިނުމަށް އިލްތިމާސް ކުރައްވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.

މިވަގުތު ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދޭވީ ކޮންމެ އާއިލާއަކުންވެސް ކުޑަކުދިންނަށް. ދެން އުމުރުން ސާޅީސް އަހަރުން ދަށުގެ އުމުރު ފުރާއަށް. ދެން އެންމެ މުހިންމު ކަމެއްދޭންވީ އެއްވެސް ވަރަކަށް ވެކްސިން ނުޖަހާ ތިބި ފަރާތްތަކަށް.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

މިނިސްޓަރު އިތުރަށް ވިދާޅުވީ ހިމަބިހި ކޮންޓްރޯލް ކުރެވުނު ނަމަވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް އޮތް ތިންމަސް ދުވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން ބައިނަލް އަގުވާމީ ފަރާތްތަކާއި ގުޅިގެން ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ވެކްސިން ނުދީ ތިބި މީހުންގެ މައުލޫމާތު މާދަމާގެ ނިޔަލަށް ހޯދާ ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.