އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ގެއްލުނު އެ ސެންޓަރުގެ ރަސްމީ ތައްގަނޑު ފެނުނީ ގދ. ގެ ފަޅުރަށަކުން ހޯދައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެ ތަތްގަނޑު ފެނުނީ، ގދ.ގެ ފަޅުރަށެއް ކަމަށްވާ ކުރިކޭމާހުއްޓާ ކިޔާ ފަޅުރަށަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އައްޑޫސިޓީގެ ދަމަނަވެށިން މި ތައްގަނޑު ގެއްލިފައި ވަނީ، ހުސްވި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ކަމަށާއި، ގދ.ގެ ފަޅުރަށަކުން ތައްގަނޑު ފެނުނު ކަމަށް މައުލޫމާތު ލިބުނީ މި ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައްޑޫ އޮންލައިން އިން ބުނެފައި ވަނީ، ގެއްލުނު އެ ތައްގަަނޑަކީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑެއް ކަމަށް، މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ އިތުރަށް ވެކްސިން ޖެހިކަން އަންގަދޭ ރަސްމީ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ކޮމްޕިއުޓަރުގެ ސީޕީޔޫ އެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އައްޑޫ ދަމަނަ ވެށިން މި ތައްގަނޑު ގެއްލުނު މައްސަލަ ފެންމަތިވެފައި ވަނީ، ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް، އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ވިދާޅުވެފައި ވަނިކޮށެވެ.