ހުޅުމާލޭގައި ބޭނުންކުރާ ޑިންގީ އެޅުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައިފިއެވެ.

މިކަން ހާމަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅޭ ކޯރުގެ މަސައްކަތް ކުރުމަށް ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި އަޅާފައިވާ ޑިންގީތައް އެތަނުން ނަގަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ ހުޅަނގު ޖެޓީ ސަރަހައްދުން ޑިންގީ އެޅުމަށް 120 ޖާގަ ކަނޑައަޅާފައިވާ ކަމަށެވެ. މި ޖާގަ ދޫކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ހުއްދަ ދޫކުރުމަށް ކަނޑައަޅާފައިވަނީ ދެ ކެޓެގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ކެޓެގަރީ އޭގައި ހިމެނޭނީ ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން ކަމަށާއި އެމީހުންނަށް އިސްކަންދޭނެ ކަމަށެވެ. އަދި ކެޓަގަރީ ބީގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ، ހުޅުމާލޭގެ ރަށްވެހިން ނޫން މީހުންނަށްވެސް އެ ސަރަހައްދުގައި ޑިންގީ އެޅުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އެޗްޑީސީ ބުނެއެވެ.

މި ސަރަހައްދުގައި ޑިންގީ އަޅަން ބޭނުންވާ މީހުން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު މިމަހުގެ 19ގެ ކުރިން ހުށަހަޅަން ޖެހެއެވެ. ފޯމު ހުށަހަޅާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި ފަހުގެ ތާރީޚެއްގައި އާންމުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ.