ހދ.ނޭކުރެންދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ހިއްސާކުރައްވައިފިއެވެ.

ނޭކުރެންދޫ ކައުންސިލަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިން މި މައުލޫމާތުތައް ރައީސާ ހިއްސާކުރެއްވީ މިއަދު އެމަނިކުފާނު އެ ރަށަށް ވަޑައިގަތުމުންނެވެ. މަޝްވަރާ ކުރެވުނީ ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ދަތިކަންތައްތަކާއި ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެގޮތުން، ބަޖެޓުގައި މިއަހަރު ހިމެނިފައިވާ ކަންކަމުގެ ތެރެއިން އެރަށުގައި ޖަލު އިމާރާތްކުރުމާއި، ފުޓްސަލް ދަނޑާއި، ފުޓްބޯޅަ ދަނޑު އިމާރާތްކުރުމާއި، ފެނާއި ނަރުދަމާ ގާއިމުކުރުމާއި، ބަނދަރުގެ ދަތިކަމާއި، އަލަށް އާބާދުވާ ސަރަހައްދުތަކުގައި ކަރަންޓު ދިނުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވީ އެންމެ އަވަހަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.