ހަ މީހުންގެ ގުރޫޕަކުން 32 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ރޭ 00:40 ހާއިރު އއ.ފެރިދޫގައި ހަ މީހުންގެ ގުރޫޕަކުން 32 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާކޮށް އޭނާ ދިރިއުޅޭ ގެއަށް ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި މި މާރާާމާރީގައި އަނިޔާލިބުނު މީހާގެ ބޮލުން ދެ ތަނެއް ފަޅައިގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި ވާއަތުގެ އުޅަނބޮށިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި ވާއަތުގެ ކޮނޑުހުޅު ހަލާކުވެ ކަނާތު ލޯ ދުޅަވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. އަދި ޒަޚަމްވި މީހާގެ ގޭގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު އެގޭގެ ބަދިގޭގައި ހުރި ތެލިފަދަ ތަކެއްޗަށްވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އެ އިދާރާއިން ބުނެއެވެ.