ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ މިހަފްތާގައި ބާއްވަން ނިންމާފައިވާ، ހަފްތާ ރެސް ކެންސަލް ކޮށްފިއެވެ.

މިނިސްޓަރ އޮފް ޔޫތު އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ހަފްތާ ބަންދުގައި ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ހަފްތާ ރެސް އިވެންޓް، މިހާރު ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ ކެންސަލް ކޮށްފައިވާ ކަމަށެވެ.

ހަފްތާރެސް އަކީ ކޮންމެ ހަފްތާ ބަންދަކު ވީކް-އެންޑް މާކެޓެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވެވަޑައިގަންނަވާފައިވާ ވައުދުގެ ދަށުން ބާއްވަމުންދާ ހަރަކާތެކެވެ.

ހަފްތާރެސްގެ މަޤްސަދަކީ ބުރަކޮށް މަސައްކަތްކުރުމަށްފަހު، ހަފްތާ ބަންދުގައި ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުން އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދިނުންކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން ކުޑަކުދިންގެ ހަވީރާއި، މުދާ ވިއްކާ ސްޓޯލްތަކާއި މުނިފޫނިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ރާއްޖެއިން ހިމަބިހި ފެނިފައިމިވަނީ އެބަލި ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން 2017ވަނަ އަހަރު ކަނޑައަޅާފައި ވަނިކޮންނެވެ.

ހިމަބިހީގެ ތިން ކޭސްއެއް މިހާތަނަށް ފެނިފައިވާއިރު ގިނަ ބަޔަކު މިކަމަށް ސަމާލުވެ، ވެކްސިން ޖެހުމަށް ސިއްޚީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔަކަށްވާއިރު މި ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަންޖެހެއެވެ.