އުންމީދަކީ ރާއްޖެއަށް ކުރައްވާ ދަތުރުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފައިދާވުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއިލް އިބްނު މޫސާ މެންކް (މުފްތީ މެންކް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މުފްތީ މެންކް ވިދާޅުވީ ރާއްޖޭގައި ދެއްވާ ދަރުސްތަކުގެ ސަބަބުން ދިވެހި ރައްޔިތުން މިހާރަށްވުރެ ރަނގަޅު މުސްލިމުންނަށްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދިވެހި ގައުމަށް ފައިދާވާނެ ފަދަ ގޮތަކަށް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސްް މުފްތީ މެންކް ވިދާޅުވިއެވެ.

އަދި މިދަރުސްތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ އިތުރަށް ޚުދު އެމަނިކުފާނަށްވެސް ފައިދާކުރާނެ ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އެމަނިކުފާނަކީ އަބަދުވެސް އައު ކަންކަން އަޑުއަހައި، ދަސްކުރުމަށް ލޯބިކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި މެންކް ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާކުރައްވާ ކަމަަށެވެ.

އުންމީދަކީ ހުރިހާ އަޚުންނާއި އުޚްތުންވެސް ދަރުސްތަކަށް ވަޑައިގަތުން. އަދި އެންމެނަށްވެސް މިދަރުސްތަކުން ފައިދާވުން. ގައިމުވެސް އަޅުގަނޑަށް ފައިދާކުރާނެ. މިއީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ރީތި އެއް ގައުމު. ވަރަށް އުފާކުރަން އާދެވުނީތީ އަދި ކުރިއަށް އޮތް ތަނުގައި އާއިލާއާއެކު އައުމަށްވެސް އުންމީދުކުރަން
މުފްތީ މެންކް

މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ މެންކް ކުރައްވާ ދަތުރުފުޅެކެވެ. މުފްތީ މެންކް ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ އާއި މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

މިދަތުރުފުޅުގައި 4 ދުވަހު ރާއްޖޭގައި ހުންނަވާގޮތަށް ހަމަޖެހިފައިވާއިރު މިހަތަރު ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ދީނީ ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މެންކުގެ މިދަތުރުފުޅުގެ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިރޭ 20:30 ގައި ކާނިވާ ސަރަހައްދުގައެވެ. ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "ރެލިޖަސް ރިހިބިލިޓޭޝަން: ވައި އިޒް އިޓް އިމްޕޯޓަންޓް" މިމައުޟޫގެ މައްޗަށެވެ.

ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާދަމާ ރޭ އައްޑޫ ސިޓީގެ ނޫރާނީ ސްކޫލުގައެވެ. މިދަރުހުގެ މައުޟޫއަކީ "ވައި ޑޫ ސަމް މުސްލިމް ޑީވިއޭޓް ފްރޮމް އިސްލާމް" އެވެ.

އަދި އެއަށްފަހު ކުޅުދުއްފުށި ސިޓީގައި 16 ވަނަ ދުވަހުގެރޭ ދަރުސް ދެއްވާނެއެވެ. ކުޅުދުއްފުށީގައި ދަރުސް ދެއްވާނީ "އާ ދެއަރ ޑިފަރަންޓް އިންޓަޕްރިޓޭޝަން އޮފް އިސްލާމް؟" މިމައުޟޫގެ މައްޗަށެވެ.

މިތިން ދަރުސްވެސް މީސްމީޑިޔާއިންނާއި ޓީވީ ޗެނަލްތަކުން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ޚުތުބާ ދެއްވުމަށްވެސް ހަމަޖެހިފައިވަނީ މުފްތީ މެންކެވެ. ޚުތުބާ ދެއްވާނީ "ހަލާލު ގޮތުގައި އާމްދަނީ ހޯދުމާއި ޚަރަދުކުރުން" މިމައުޟޫގެ މައްޗަށެވެ.

ހުކުރު ދުވަހުގެރޭ މުފްތީ މެންކުގެ ޚާއްސަ ފޯރަމެއް ވެެސް އޮންނާނެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފޯރަމްގައި ގްރޭޑް 9، 10، 11 އަދި 12 ގެ ދަރިވަރުންނަށާއި ކޮލެޖް، ޔުނިވާސިޓީ އަދި ޖަމްއިއްޔާތަކުގެ ޒުވާނުން ބައިވެރިވުމަށް ވަނީ ހުޅުވާލާފައެވެ. މިފޯރަމް ކުރިއަށްދާނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމްގައި ހެނދުނު 08:30 އިން 10:00 އަށް އަދި 10:30 އިން 12:00 އަށެވެ.

މުފްތީ މެންކުގެ އެންމެ ފަހު ހަރަކާތް ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށެވެ. މިމަހުގެ 18 ވަނަ ދުވަހު ބާއްވާ ވޯކްޝޮޕްގައި ދެ ސެޝަނެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ސެޝަންގައި އަލިއަޅުވާލެއްވުމަށް ހަމަޖެހިފައިވަނީ ދީނީ އިޚްތިލާފުތައް ނައްތާލުމުގެ މައްޗަށެވެ. އަދި ދެވަނަ ސެޝަންގައި ރެލިޖަސް ޓޮލެރެންސް ނުވަތަ ދީނީ މިނިވަންކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.