ރާއްޖޭގެ އެހެން ސަރަހައްދަކުން ހިމަބިހީގެ އެއްވެސް އަލާމާތެއް އަދި މިހާތަނަށް ފެނިފައިނުވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީި އިއްޔެއިން ފެށިގެން އާންމު ވެކްސިން ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ކަންކަން އިތުރަށް ފަސޭހަވާނެ ގޮތްތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރަށް މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހުރިހާ ހޮސްޕިޓަލްތަކަކާ ހެލްތު މިނިސްޓްރީން ވާހަކަ ދެކެވިފައިވާ ކަމަށާއި ހިމަބިހީގެ އެއްވެސް އަލާމާތެއް ފެނިފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަދި މިހާތަނަށް ބެލިބެލުމުން ރާއްޖޭގެ އެހެން ހިސާބަކުން މި ބަލީގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވެސް ވަރަަކަށް ވެކްސިން ނުދީ ބަޔަކު ތިބިތޯ ބަލާ އަލުން އެކަން ކަށަވަރު ކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިހާރު މިނިސްޓްރީގައި ހުރި މައުލޫމާތުތަކުގެ ތަފާތެއް ހުރިތޯ ބެލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް އާންމު ވެކްސިން ދިނުމުގެ ނިޒާމުގެ ތެރެއިން ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ވަނީ މިއަދުވެސް އެދިވަޑައިގެންފައެވެ.