އައިލެންޑް އޭވިއޭޝަނުން މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އައިލެންޑް އޭވިއޭޝަނުން އިސްނަގައިގެން ތުއްތު ކުދިންނަށް ޤުރުއާން މުބާރާތް ބާއްވަމުން ގެންދަތާ މިއީ އަށްވަނަ އަހަރު ކަމަށެވެ.

އަދި މިފަދަ ޤުރުއާން މުބާރާތެއްގެ މައިގަނޑު މަގްސަދަކީ ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ރޯދަ މަހަކީ ޤުރުއާން ގިނަގިނައިން ކިޔަވަންޖެހޭ މަހަކަށް ވުމާއެކު އެ މަހުގެ ދަރުމައާއި ސަވާބު ހޯދުމުގެ މުހިންމުކަން ކުދިންގެ ހިތްތަކުގައި އަށަގެންނެވުން ކަމަށެވެ.

އަދި މުވައްޒަފުންވެސް މިފަދަ ކަންކަމުގައި ބައިވެރިކުރުވައިގެން ޤުރުއާނަށް ލޯބި ޖެއްސުމާއި އަޅުކަމުގެ މަހެއްގެ ގޮތުގައި ރޯދަ މަސް ވުމުން މުވައްޒަފުންނަށްވެސް އެ މަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް މޫސާ ވަސީމް ފާހަގަކުރެއްވިއެވެ.

މި މުބާރާތަކީ އަށް އަހަރުން ދަށުގެ އުމުރުފުރައިގެ ކުދިންނަށް އާންމުކޮށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި މުބާރާތުގެ ގަވާއިދު ކުންފުނީގެ ވެބްސައިޓުން އިއްޔެއިން ފެށިގެން ޑައުންލޯޑް ކުރެވޭނެ ކަމަށް މޫސާ ވަސީމް ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 31 މާޗް 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 އެވެ. ފޯމު ބަލައިގަންނާނީ ކުންފުނީގެ ކޯޕަރޭޓް ހެޑް އޮފީހުގެ ރިސެޕްޝަނުން ކަމަށް ވަސީމް ވިދާޅުވިއެވެ.