ވެކްސިން ދިނުމާއި ދެކޮޅަށް އާންމުންނަށް މައުލޫމާތު ދެމުންދާ ވައިބަރ ގްރޫޕެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މި ވައިބަރ ގްރޫޕްގެ މައްސަލަ 2019 ވަނަ އަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން މިކަމާ، ކަމާގުޅޭ އިދާރާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށާއި އަދި މިކަމުގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ވައިބަރ ގްރޫޕްތަކުން ފަތުރާ މައުލޫމާތުތަކަކީ އެންމެ އެދެވޭ މައުލޫމާތުތަކެއް ނޫން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންވެސް ފާހަގަކުރައްވައެވެ.

މިފަދަ މައުލޫމާތުތަކުގެ ތެރޭގައި ހިމަބިއްސަށް ޖަހާ އެމްއެމްއާރު ވެކްސިނާއި އޯޓިޒަމާ ގުޅުވުމާއި، ވެކްސިނަކީ ވިޔަފާރިއަކަށް ހިންގާ ކަމެއް ކަމަށް ދޭހަވާ ފަދައިން ސައްހަނޫން ސައިޓްތަކުގައި ހުންނަ ދިރާސާފަދަ ތަކެތި ފެތުރުމާއި، ހިމަބިއްސަށް ދޭ ވެކްސިންގައި މާކިއުރީ ހުންނަ ކަމަށް ބުނުން ފަދަ ކަންކަން ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ އަހުމަދު ފައިސަލް ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ނެގިކަމުގައިވިޔަސް، އެއީ ކިހާ ސައްހަ މައުލޫމާތުތޯ ބެލުމަށްފަހު އަނެކާއާ ހިއްސާކުރުން މުހިންމު ކަމަށެވެ.

ޚާއްސަކޮށް ރާއްޖޭގެ ސިއްހީ ދާއިރާގައި މިކަމަށް ބޭނުންވާ މައުލޫމާތު އޮޅުންފިލުވައިދޭނެ ފަރާތްތައް ހިމެނޭއިރު އެފަދަ ތަންތަނަށް ގުޅައިގެން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ޑރ ފައިސަލް އެދިވަޑައިގެންނެވިއެވެ.

ރާއްޖެއިން މިހާރު ހިމަބިހި ފެނި، ފެތުރެމުންދާކަން ސަރުކާރުން ހާމަކުރިއިރު ރާއްޖޭގައި ވެކްސިނާ ދެކޮޅަށް ވާހަކަދައްކައި ވެކްސިން ޖެހުމާ ދެކޮޅަށް އަޑުއުފުލާ ބަޔަކު ތިބިކަން، ގިނަ ޑޮކްޓަރުންނާއި ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންވެސް ދިޔައީ ފާހަގަކުރަމުންނެވެ. އަދި ވެކްސިން ނުޖެހުމުގެ ސަބަބުން މިފަދަ ދުވަހެއް އަތުވެދާނެކަމުގެ ކަންބޮޑުވުން އެފަރާތްތަކުން އޭރުވެސް ދިޔައީ ފާޅުކުރަމުންނެވެ.

ދާދި ފަހުން ރާއްޖޭގައި ކުރި ދިރާސާއަކުން، ގައުމީ ވެކްސިން ޕްލޭނާ އެއްގޮތަށް ވެކްސިން ނުޖަހާ ކުދިން ގިނަކަން ފާހަގަވެފައިވާއިރު މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ވަނީ މިފަދަ ބައެއް ކުދިންނަށް ވެކްސިން ދީފައެވެ. އަދި ވެކްސިނަށް އާންމުން ހޭލުންތެރިކުރުމުގެ ތަފާތު މައުލޫމާތުތައްވެސް ދަނީ ހިއްސާކުރަމުންނެވެ.