ހިމަބިއްސަށް ފަރުވާދޭ ސެންޓަރެއް ހުޅުމާލޭގައި ހުޅުވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ، މިރޭ 8:00 އިން ފެށިގެން ހުޅުމާލޭގައި ސެންޓަރެއް ހުޅުވަން ނިންމާފައިވާ ކަމަށާއި މި ސެންޓަރު މެދުވެރިކޮށް ހިމަބިއްސަށް ޝައްކު ކުރެވޭ މީހުންނާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދޭން ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހުރިތޯ ބަލަމުންދާ ކަމަށާއި އެހެންނަމަވެސް ރާއްޖޭގެ އެއްވެސް ހިސާބަކުން އެ ބަލީގެ އަލާމާތެއް އަދި މިހާތަނަށް ފެނިފައިނުވާ ކަަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން ރަސްމީކޮށް އިއުލާނު ކޮށްފައިވާއިރު، މިހާތަނަށް 3 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން މި ބަލި ފެތުރެމުންދާތީ އެކަމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންދާ ކަަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ވެކްސިން ފުރިހަމަ ކޮށްފައި ނުވާ ކުދިންނާއި މީހުން ދެނެގަނެ ވެކްސިން ޖެހުމަށް ޚާއްސަ ހަރަކާތެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މިނިސްޓަރ އަމީން ވިދާޅުވީ މިވަގުތަށް ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން އެބަހުރި ކަމަށެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަން އިއުލާނުކުރީ 2017 ވަނަ އަހަރުއެވެ.