ލާމަރުކަޒީ ގާނޫނެއް ވުޖޫދަަށްގެނެސް އައު ނިޒާމެއް ތައާރަފުކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ވީހާވެސް ގާތުން އެމީހުން ބައިވެރިކޮށްގެން ކަންކަން ރާވައި ހިންގުމެވެ. ދުރުގައި ތިބެގެން ލަހުން ކަންކަން ނުކޮށް ވީހާވެސް ކައިރީގައި ތިބެގެން އަވަހަށް ކަންކަން ކުރުމެވެ. މި މަގްސަދު ހާސިލުނުވެ ތަކުލީފުތައް އިތުރުވެއްޖެނަމަ އެއީ ގޯހެކެވެ. އެބަޔަކަށް ވީހާވެސް އަވަހަށް ހެޔޮގޮތެއް ހޯދައިދިނުން ލާޒިމެވެ. ހެޔޮވެރިކަމަކީ އެއީއެވެ.

އައްޑުއަތޮޅު ސިޓީއަކަށް ހެދީމާ އަތޮޅުގެ އިރުމަތީ ބިތުގެ ދެރަށުގެ ރައްޔިތުންނަށް ދިމާވެފައިވަނީ މިދެންނެވި ގޮތެވެ. އިތުރުވީ ތަކުލީފުތަކެކެވެ. ހުޅުމީދޫގައި ހަތްހާހަށްވުރެ ގިނަމީހުން ދިރިއުޅެއެވެ. އެއީ މުޅި ސިޓީގެ އާބާދީގެ ވިހި އިންސައްތައެވެ. އެހެންވީމާ އައު ނިޒާމުގެ ތެރެއިން ނެރެން ބޭނުންވާ ނަތީޖާ ނުފެނި ސިޓީ ހެދުމުގެ މަގްސަދު ފުރިހަމަ ނުވެ މިދެންނެވި ހަތްހާސް މީހުން އެކަހެރިވަނީ ކީއްވެގެންތޯ ބަލައި ކަންކަން އިސްލާހުކުރުމަކީ މުވައްސަސާތަކުގެ މައްޗަށް ލާޒިމުކަމެކެވެ.

ސިިޓީއެކޭ ކިޔަސް އެއީ އަތޮޅެކެވެ. ބެހިފައި އޮތީ ތަބައީގޮތުން ދެބަޔަކަަަށެވެ. އަވަށޭ ކިޔަސް އެއީ ހަ ރަށެވެ. ސިޓީއެކޭ ކިޔައިގެން އިދާރީ ނިޒާމު ބަދަލުކުރިޔަސް މި ސިފަތަކަށް ބަދަލެއް ނާދެއެވެ. ނުވެސް ގެނެވޭނެއެވެ. މައްސަލަތައް ފެށިގެން އަންނަ ހިސާބަކީ އެއީއެވެ. މިއީ އެހެން ސިޓީއެއްގެ ބަޔަކު ތަޖުރިބާކުރާ އަދި ތަޖުރިބާކުރަން ޖެހޭނެ މައްސަލަތަކެއްވެސް ނޫނެވެ. މި މައްސަލަ ދެންވެސް ކުރިމަތިވާނީ މުޅިއަތޮޅު ހިމެނޭގޮތުން ސިޓީއަކަށް ބަދަލުވާ ބަޔަކަށެވެ.

މާލެއަކީ ސިޓީއެކެވެ. ހުޅުމާލެއާއި ވިލިމާލެވެސް ހިމެނޭގޮތުންނެވެ. އެކަމަކު މީގެ ތެރެއިން ހުޅުމާލެއަކީ ހިއްކާފައިވާ އައުރަަށެކެވެ. ވިލިގިއްޔަކީ ކުރިން ފަޅުރަށެކެވެ. ދެރަަށުގައިވެސް ތާރީޚެއް ނެތެވެ. މާލެއާއި ހުޅުމާލެ އޮތީ ބުރިޖަކުން ގުޅާލެވިފައެވެ. ވިލިމާލެއާ މާލެއާ ދެމެދު ކޮންމެ ފަސްމިނިޓަކުން ފެރީ އޮވެއެވެ. ދަތުރުގެ ދިގުމިން ހައެެއްކަ މިނިޓެވެ. މާލެއަތޮޅު އެހެން ރަށެއް ސިޓީގެ ތެރެޔަކަށް ނުވަދެއެވެ. ތުލުސްދޫއަކީ އަވަށެއް ނޫނެވެ. ގުރާދޫއަކީވެސް އަވަށެއް ނޫނެވެ. އެއީ ރަށްރަށެވެ.

ކުޅުދުއްފުށްޓަކީވެސް މިހާރު ސިޓީއެކެވެ. ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށެއް އެ ސިޓީއަކަށް ނުވަދެއެވެ. ހަނިމާދޫއަކީ އަވަށެއް ނޫނެވެ. ރަށެކެވެ. ފުވައްމުލަކަކީ ވަކި އަތޮޅަކަށްވިޔަސް އެއީ ތަބައީގޮތުން އެއްރަަށެވެ. ސިޓީއަކީވެސް ރަށަކީވެސް އެއީއެވެ. އަވަށޭ ކިޔަނީ އަތޮޅެއްގެ ގޮތުގައި ހިންގިއިރުވެސް އަވަށޭ ކިޔާ ސަރަހައްދުތަކަށެވެ. ފުނާޑާއި ދަޑިމަގަކީ އޭރުވެސް މިހާރުވެސް އަވަށެވެ.

އެކަމަކު އައްޑޫ ސިޓީ މުޅިން ތަފާތެވެ. ސިޓީއަކަށްވީމާ އެހެރަ ބޮޑެތި ބޮޑެތި ރަށްރަށް އަވަށްއަވަށަށް ބަދަލުވެގެން ހިނގައްޖެއެވެ. ކަން ބަދަލުނުވެ ނަން ބަދަލުވެއްޖެއެވެ. މާކަނޑެއްގެ ދެފަރާތުގައި މިހާރު ރަށެއް ނެތެވެ. ހުރީ ހައްތާވެސް އަވަށްއަވަަށެވެ. މީހުން ދިރިއުޅެމުން އަންނަތާ ހާސް ދެހާސް އަހަރުވެފައިވާ ރަށްރަށް ކުއްލިޔަކަށް އަވަށްއަވަށަށް ބަދަލުވެ ނަންގެއްލި ހައިސިއްޔަތު ގެއްލިއްޖެއެވެ. ތާރީޚު އެކޮޅުކޮޅުން ޖެހިއްޖެއެވެ. ސިޓީގެ މެދުގައި އޮތީ ކަނޑެވެ. މަސްބާނަނީ ސިޓީ ސެންޓަރުންނެވެ.

ސިޓީއަކަށްވީމާ އެ ސިޓީއަކުން ހުރިހާ ޚިދުމަތެއް ލިބޭނެތާއެވެ. ލާމަރުކަޒުވެސް ވާނެތާއެވެ. އެކަމަކު އައްޑޫ ސިޓީގައި ވީގޮތަކީ ހުރިހާ ޚިދުމަތެއް ހިތަދޫގައި މަރުކަޒުވީއެވެ. އެއްގަމުން ހިތަދޫއާ ގުޅިފައިވާ މަރަދޫއާއި މަރަދޫފޭދޫއާއި ފޭދޫގެ ރައްޔިތުންނަށް މާބޮޑު ތަކުލީފަކަށްނުވެ ހިނގައިދާނެއެވެ. އެކަމަކު ހުޅުމީދޫގެ ރައްޔިތުން ދާން ޖެހެނީ ގަޑިއެއް ދޮޅުގަޑިއެއްގެ ދިގު ކަނޑު ދަތުރެއްކޮށްފައި ފެރީގައި ފޭދޫއަށެވެ. އެތަނުން ޓެކްސީއެއްގައި ނޫނީ ބަހުގައި ހިތަދޫއަށެވެ. ހިތަދޫއަށް ގޮސްފައި އެނބުރި ރަށަށް އަންނަ މީހާގެ ޖީބުން ޚަރަދުވަނީ ސިޓީއެއްގައި ބުރުޖަހާ މީހެއްގެ އަތުން ހޭދަވާންޖެހޭ ވަރަށްވުރެ ބޮޑު އަދަދެކެވެ.

ހިތަދޫގައި މަރުކަޒުވެފައިވާ އަދި މަރުކަޒުވަމުންދާ ޚިދުމަތްތައް އެނޫންގޮތަކަށް ބައްޓަންކޮށް އިންތިޒާމުކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. އެކަމަކު ސިޓީ ކައުންސިލުގައި މޭޔަރާއެކު ތިއްބަވާ ތޭރަ ކައުންސިލަރުންގެ ތެރެއިން ހުޅުދޫއާއި މީދޫ ތަމްސީލުކުރައްވާނީ އެންމެ ދެ މެންބަރުންނެވެ. އެގާރަ މީހުންގެ ކުރިމަތީގައި އެންމެ ދެ މީހެއްގެ ބަހާއި ވޯޓުގައި ބަރުދަނެއް ހުންނާނެބާވައެވެ. ނުހުންނާނެއެވެ. ހިތަދޫގެ ކައުންސިލަރަކު ދާދިފަހުން ހުޅުދޫގެ ކައުންސިލަރާ ދިމާލަށް ބުނިހެން ރުހުނަސް ނުރުހުނަސް ނިމޭނީ މިހެންނެވެ. ނިންމާނީވެސް މިހެންނެވެ.

އެބުނީ ވަރަށްވެސް ބޮޑު ތެދެކެވެ. ނިމޭނީވެސް ނިންމާނީވެސް މެޖޯރިޓީ އެދޭ ގޮތަށެވެ. ސިޓީ ކައުންސިލްގެ ސައިޒު ހަތަކުން ތޭރަޔަށް ބޮޑުވެގެން ދިޔައިރު މިކަން އިތުރަށް ޔަގީންވެސް ވެއްޖެއެވެ. ސިޓީއަށް އިތުރުވި ފަސް ގޮނޑިވެސް ހުޅަނގު ފަޅިއަށެވެ. މޭޔަރު އެކޮޅުން އައިމާ ހަޔެއްވެސް އެކޮޅަށެވެ. އިރުމަތީ ފަޅިޔަށް ސުމެކެވެ. ހަޔެެއް ސުމަކުން ބަލިވީއެވެ. މެޖޯރިޓީއަށް ލާމަރުކަޒެވެ. މައިނޯރިޓީއަށް މަރުކަޒެވެ. މިއީ ވަކިބަޔަކު ލަފާވެގެން ނުލަފާވެގެން ދިމާވި ގޮތެއް ނޫނެވެ. މިއީ ތަބައީގޮތުން ދެބައެއް އިދާރީގޮތުން އެއްބަޔަކަށް ހަދައިގެން ބޯހިމަނައިގެން ލެބޯޓަރީއަށް ވެއްދީމާ ނަތީޖާ ނިކުންނާނެ ގޮތެވެ. ވޯޓުދޭން ތިބޭ މީހުންނަށް ޒިންމާވާންޖެހޭ ބަޔަކަށް ކައުންސިލަރުންވާތީ ދިމާވާނެ ގޮތެވެ. ސިޓީގައި ހިމަނަން ނުޖެހޭ ބައިބައި ހިމެނީމާ ދިމާވާނެގޮތެވެ. މުޅިއަތޮޅަށް ސިޓީ ފަތުރައިލީމާ ދިމާވާނެގޮތެވެ.

ހައްލަކީ ކޮބައިބާވައެވެ. ހިތަދޫއަކީ ސިޓީއެއްގެ ހުރިހާ ޝަރުތެއް ފުރިހަމަވާ ރަށެކެވެ. އެހެންބަޔަކާ ނުލައިވެސް ސިޓީއެކެވެ. ހިތަދޫއާ އެއްފަސްވެގެން ހުރި ރަށްރަށަށް އިޚުތިޔާރީގޮތެއްގައި އެސިޓީގައި ދެމިތިބެވިދާނެއެވެ. އެކަމަކު ހުޅުދޫއާއި މީދޫއަށް އެއީ ތަކުލީފެކެވެ. ބުރައެކެވެ. ގެއްލުމެކެވެ. އެހެންވީމާ ހައްލަކީ މިއީއެވެ. ސިޓީން ވަކިވާންވީއެވެ. އަތޮޅުގެ އިރުމަތީ ފަޅިޔަކީ އައްޑުއަތޮޅެވެ. ހުޅުދޫއާއި މީދޫގެ އާބާދީއަށްވުރެ ކުޑަ އާބާދީގެ މައްޗަށް އެކުލެވޭ އަތޮޅުތަކެއްވެސް އެބަހުއްޓެވެ. އެހެންވީމާ އެއީ މައްސަލައެއް ނޫނެވެ. އޭރުން ހުޅުދޫއާއި މީދޫގައި ތިބޭނީ ރަަަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނެވެ. ކޮންމެ ރަށެއްގައިވެސް ހަތް ކައުންސިލަރުން ތިބޭނެއެވެ. ދެރަށުގައި ސާދަ ކައުންސިލަރުން ތިބޭނެއެވެ. ވަޒީފާވެސް އިތުރުވީއެވެ. ލާމަރުކަޒުވެސް ކުރެވުނީއެވެ. ރައްޔިތުންނާ ގާތުން ޚިދުމަތްވެސް ދެވުނީއެވެ.