މިނިސްޓަރު އަބްދުﷲ ޝާހިދު، ޗެކް ރިޕަބްލިކްގެ ޚާރިޖީ ވަޒީރު ތޮމަސް ޕެޓްރިޗެކް އާއި، ލެޓްވިއާގެ ޚާރިޖީ ވަޒީރު އެޑްގަރސް ރިންކެވިކްސްއާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި މިވަނީ ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ މި ދެބޭފުޅުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ދެ ބޭފުޅުންނާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރު ޝާހިދު ވަނީ ޔޫރަޕިއަން ޔޫނިއަން އާއި ޔޫރަޕްގެ ގައުމުތަކާ އޮންނަ ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރާކަން ފާހަގަކުރައްވާފައެވެ.


އަދި ދިވެހިރާއްޖެއާއި ޔޫރަޕާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، ދިވެހިންނަށް ފަސޭހަކަމާއެކު ޔޫރަޕަށް ދަތުރުކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އަދި މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާވެސް ދިއްލީގައި ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ހަލުވި ކޮށްދެއްވުމަށް އެކަމަނާ ކުރައްވާ މަސައްކަތްޕުޅަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ދިވެހިރާއްޖެ އަލުން އަނބުރާ ކޮމަންވެލްތުގެ ގައުމަކަށް ވުމަށް މެމްބަރު އެއްވެސް ގައުމަކުން ދެކޮޅު ނަހަދާކަން ސެކްރެޓަރީ ޖެނެރަލް ވަނީ 2019 ޑިސެމްބަރު 23 ވަނަ ދުވަހު އަންގަވާފައެވެ.

އަދި ކޮމަންވެލްތަށް އަލުން އަނބުރާ ވަނުމަށް ރަސްމީކޮށް ހުށަހެޅުމަށް އެކަމަނާ ވަނީ ދައުވަތު ދެއްވާފައެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައިޒީނާ ޑައިލޮގްގައި ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.