އަޅުގަނޑުމެން އިންސާނުން އަބަދުވެސް މާތްﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުކުރަން ޖެހޭނެ ކަމަށް ދީނީ އިލްމުވެރިޔާ އިސްމާއިލް އިބްނު މޫސާ މެންކް (މުފްތީ މެންކް) ވިދާޅުވެއްޖެއެވެ.

"ރިލިޖަސް ރިހިބިލިޓޭޝަން" މި ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި ވާހަކަދައްކަވަމުން މުފްތީ މެންކް ވިދާޅުވީ މާތްﷲ ސުބުހާނަހޫވަތައާލާ އިންސާނުންނަށް ދެއްވާ ނިއުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި ގައުމުގައި ދިރިއުޅެމުންދާއިރު އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތްތަކާއި، އަމާންކަމަށާއި، މާތްﷲ ދެއްވާފައިވާ ރީތިކަމަށާއި، ރާއްޖެއަށް ލިބިފައިވާ މުސްލިމް ކަމަށް ޝުކުރު ކުރަންޖެހޭ ކަމެއް ކަމަށެވެ.

އަދި ދިރުއުޅުމުގެ ހަޔާތުގައި ތަފާތު އެކި ކަހަލަ ކަންތައްތަކާއި ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް އަދި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވީނަމަވެސް އަދި ހިތްނޭދޭ ކަންތައްތައް ދިމާވިޔަސް އަބަދުސް މާތްﷲއަށް ޝުކުރުކުރަން ޖެހޭނެ ކަމަށް މެންކް ވިދާޅުވިއެވެ. އަދި އެފަދަ ދަނޑިވަޅެއް އިންސާނާއާ ކުރިމަތިވެއްޖެނަމަ ދެ ފަހަރަށް ޝުކުރު ކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަބަބެއްގެ ގޮތުގައި މުފްތީ ފާހަގަކުރެއްވީ ދިރިއުޅުމުގެ ހުރިހާ ކަންތައްތަކެއް ބިނާވެފައިވަނީ ﷲ ސުބުހާނަހޫވަތައާލާއަށް ކަމަށްވާތީ ކަމަށެވެ. އަދި އީމާންވަނީ އެކަނލާގެއަށް ކަމަށާއި ދިރިއުޅުމުގައި ވާ ގުރުބާންތަކާއި އިންސާނާގެ މަރާވެސް ގުޅިފައިވަނީ ﷲ ސުބުހާނަހޫވަތައާލާއާ ކަމަށް މުފްތީ ވިދާޅުވިއެވެ.

މާތްﷲ އިންސާނުން އުފައްދަވާފައިވަނީ ނެތުމުގެ ތެރެއިން ކަމަށާއި މި ދުނިޔެއަށް އިންސާނާ އައުމުގެ ކުރިން އިންސާނާއަކީ ނެތް އެއްޗެއްކަން މެންކް ފާހަގަކުރެއްވިއެވެ. ދުނިޔެއަށް އައުމުގެ ކުރިން އިންސާނާއަށް އޭނާގެ ނަފްސާ ދޭތެރޭ ވިސްނާލަން ފުރުސަތެއް ލިބޭ ނަމަ، އޭނާގެ މައިމީހާގެ ބަނޑުތެރޭގައި އޮވެގެން ވިސްނާލަން ފުރުސަތެއް ލިބޭނަމަ، އެ ވަގުތުގެ ތެރޭގައި އޭނާއަށް ކުރެވިދާނެ އިހްސާސްތައް ވަރަށް ގިނަވާނެ ކަމަށް މުފްތީ ވިދާޅުވިއެވެ. އެގޮތުން އިންސާނާ ދުނިޔެއަށް އައުމާއި ހަމައަށް އޭނާގެ ނިމުން ކަމުގައި ވިސްނުނު ކަމުގައިވިޔަސް އެއީ ފެށުން ކަމަށް ވިދާޅުވިއެވެ.

ހަގީގީ ފެށުން އަންނަނީ މި ދުނިޔެވީ ހަޔާތަށް އިންސާނާ އައުމުން. ދުނިޔޭގެ ހަޔާތުގައި އޭނާ ތަބާވާންޖެހޭ ކަންތައްތަކެއް އެބަހުރި. އިންސާނާ ދިރިއުޅުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި."
މުފްތީ މެންކް


އެހެންކަމުން މިހުރިހާ ކަންތައްތަކެއް ނިންމާލުމަށްފަހު އިންސާނާ މި ދުނިޔެއާއި ވަކިވެގެންދަނީ އެންމެ ފުރަތަމަ އިންސާނާ މިދުނިޔެއަށް އައިފަދައިން ކަމަށް މުފްތީ ވިދާޅުވިއެވެ. އަދި އިންސާނާ މަރުވެގެންދާނީވެސް ހަމައެފަދަ ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

އިންސާނާ އުފެދިގެން އަންނަނީ ވަރަށް ނިކަމެތި ފެންފޮދަކުން ކަމަށާއި ނަމަވެސް ގިނަ އިންސާނުންނަށް އާދަވެފައި ހުންނަނީ މާތްﷲ ގިނަގުނަ ނިއުމަތްތައް ދެއްވިނަމަވެސް އެ ނިއުމަތްތަކާއި ދޭތެރޭގައި އުރެދޭ ބައެއްގެ ގޮތުގައި ކަމަށް މުފްތީ ވިދާޅުވިއެވެ.