މާލީގޮތުން މެލޭޝިޔާއަށް ދަތިކޮށް އަދި އެކަމުގެ ސަބަބުން މެލޭޝިޔާއަށް މާލީ ގެއްލުންތައް ލިބުނު ނަމަވެސް، ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމުގެ ވާހަކަ ދައްކަވާނޭ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދު ވިދާޅުވެއްޖެވެ.

މަހާތީރު މިހެން ވިދާޅުވީ، މެލޭޝިޔާގެ ޕާމްއޮއިލް އިންޑިއާއަށް އެތެރެކުރުން އިންޑިއާ ސަރުކާރުން މަނާކުރުމާ ގުޅިގެންނެވެ.

އިންޑިއާއިން މިފިޔަވަޅުއެޅީ، އިންޑިއާގެ ޕާލަމެންޓުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް މެލޭޝިޔާގެ ބޮޑުވަޒީރު ވާހަކަފުޅު ދައްކަވާތީ އެކަމަށް މެލޭޝިޔާއަށް އަދަބު ދިނުމުގެ ގޮތުންނެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ކައްކާތެޔޮ އިމްޕޯޓްކުރާ ގައުމެވެ. ޕާމްއޮއިލްއަކީ އޭގެ ތިންބައިކުޅަ ދެބައެވެ. އިންޑިއާއިން އަހަރެއްގެ މައްޗަށް ނުވަ މިލިއަން ޓަނުގެ ޕާމްއޮއިލް އެތެރެކުރެއެވެ. އެގޮތުން، އިންޑިއާއިން މައިގަނޑުގޮތެއްގައި ޕާމްއޮއިލް އެތެރެކުރަނީ އިންޑޮނޭޝިޔާއާއި މެލޭޝިޔާއިންނެވެ. މެލޭޝިޔާއަކީ އިންޑޮނޭޝިޔާ ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ޕާމްއޮއިލް އެކްސްޕޯޓްކުރާ ގައުމެވެ.

އިންޑިއާއިން މިދިޔަ އަހަރުގެ ފުރަތަމަ ނުވަމަސް ދުވަހު ޕާމްއޮއިލް އެންމެ ގިނައިން އިމްޕޯޓް ކޮށްފައިވަނީވެސް މެލޭޝިޔާއިންނެވެ. އެގޮތުން، އިންޑިއާއިން އެތެރެކުރި ޕާމްއޮއިލްގެ މިންވަރު 3.9 މިލިއަން ޓަނަށް އަރައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުންވެސް، މެލޭޝިޔާގެ ބޮޑުވަޒިރު ޑރ. މަހާތީރު މުހަންމަދުވަނީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނު ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެފަހުންވެސް އެތައް ފަހަރެއްގެމަތިން އެވާހަކަފުޅު ތަކުރާރު ކުރައްވާފައި ވާއިރު، މަހާތީރުވަނީ އިންޑިއާއިން ކަޝްމީރު އިސްތިއުމާރުކޮށް ހިސާރުކޮށްފައިވާ ކަމަށްވެސް ވިދާޅުވެ އިންޑިއާ ކުށްވެރި ކުރައްވާފައެވެ.

މިކަންކަމާހެދި ދެގައުމުގެ ގުޅުން ގޯސްވެ، މެލޭޝިޔާއަށް އަދަބުދޭން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވިސްނަމުންދާކަން އެންމެ ފުރަތަމަ ހާމަވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

މެލޭޝިޔާގެ ޕާމްއޮއިލް އެތެރެކުރުން އިންޑިއާއިން މަނާކުރި މައްސަލާގައި މެލޭޝިޔާގެ ޕާމްއޮއިލް އުފައްދާ ފަރާތްތަކުން ކަންބޮޑުވެފައި ވާއިރު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މަހާތީރު މިއަދު ވިދާޅުވީ، މެލޭޝިޔާއިން އެކަމަށް އެހެން ހައްލެއް ހޯދާނޭ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް، ސަބަބަކީ އަޅުގަނޑުމެންނަކީ އިންޑިއާއަށް އެންމެ ގިނައިން ޕާމްއޮއިލް ވިއްކާ ގައުމު. އެކަމަކު އަޅުގަނޑުމެން އިޚްލާސްތެރިވާން އެބަޖެހޭ. ކަމެއް ގޯސްކޮށް ހިނގާނަމަ އެކަމުގެ ވާހަކަ ދައްކަންޖެހޭނެ. ހަމަ އެކަނި ލިބިދާނެ މާލީ މަންފާއަކަށް ވިސްނައި ގޯސްކޮށް ހިނގާ ކަންކަމުގެ ވާހަކަ ނުދައްކައި ތިބޭނަމަ ވަރަށް ގިނަ ގޯސް ކަންކަން ހިނގާނެ. އަޅުގަނޑުމެންގެ ފަރާތުންވެސް އަދި އެހެން މީހުންގެ ފަރާތުންވެސް ގޯސްތައް ހަދާނެ"
މަހާތީރު

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މެލޭޝިޔާއާއި އިންޑިއާއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް މެލޭޝިޔާ ސަރުކާރުގެ ޕްރައިމެރީ އިންޑަސްޓްރީޒް މިނިސްޓްރީއާއި، އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ދެމެދު މަޝްވަރާތަކެއްވެސް މިހާރު ކުރެވެމުން އެބަދެއެވެ. ނަމަވެސް، މިކަން ދެފަރާތުންވެސް ކަށަވަރުކޮށް ދީފައެއް ނުވެއެވެ.