ލާމަރުކަޒީ ގާނޫނު 2010 ވަނަ އަހަރު ތަސްތީގުކުރެވިގެން އައީ އެމްޑީޕީން ތަސައްވަރުކުރި ގޮތަކަށް ނޫން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ 2010 ވަނަ އަހަރު ތަސްދީގު ކުރި ލާމަރުކަޒީ ގާނޫނު އޮތީ، 2009 ވަނަ އަހަރު އެ ގާނޫނޫ އެކުލަވާލަން އެމްޑީޕީން ހުށަހެޅި ގޮތަށް ނޫން ކަމަށެވެ. ލާމަރުކަޒީ އުސޫލުން ހާސިލް ކުރަން ބޭނުންވާ ނަތީޖާއަކީ ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން އަދި މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

2010 ވަނަ އަހަރު ފާސްކުރެވުނު ގާނޫނުގެ އިތުރުން ރައީސް ޔާމީންގެ ދައުރުގައިވެސް ގާނޫނަށް ގެނެވުނު ބައެއް އިސްލާހުތަކާއެކުވެސް ހަމައެކަނި ހާސިލްވި އެއްޗަކީ ސިޔާސީ ގޮތުން ލާމަރުކަޒީވުން އެކަނި ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ. އެގޮތުން މިހާރު ރައްޔިތުންގެ ކަންކަން ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނޭ ކަމަށާއި އަދި ރަށްރަށުގެ ވެރިން ހޮވުމުގެ ފުރުސަތު ލިބޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އެ ފުރުސަތުތަކަކީ މީގެ ކުރިން އޮތް ފުރުސަތުތަކެއް ނޫން ކަމަށާއި މިހާރު ގިނަ ޕާޓީތަކުން ވާދަކޮށްގެން އެ ޕާޓީތަކުގެ ސިޔާސަތުތައް ވިއްކައިގެން ރައްޔިތުންގެ ތެރެއިން ބޭނުންވާ ބަޔަކު ހޯދުމުގެ ފުރުސަތު ލިބިގެންދާ ކަމަށް ވިދާލުވިއެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނޫން ހާސިލްވި އެންމެ މުހިންމު އެއް ކަމަކީ އެއީ ކަމަށް ނިޔާޒު ވިދާޅުވިއެވެ. ނަމަވެސް އިދާރީގޮތުންނާއި ވަކިން ޚާއްސަކޮށް މާލީ ގޮތުން ލާމަރުކަޒީ ނުވާކަން އެއީ ހަގީގަތެއް ކަމަށާއި 2019 ވަނަ އަހަރު ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ އެކަން ބަދަލު ކުރުމަށްޓަކައި ގެނައި އިސްލާހުތަކެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނު ހުށަހެޅީ އަމިއްލަފުޅަށްކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ އެ ބިލް ހުށަހެޅިއިރުގައިވެސް މައިގަނޑު ހަތަރު ކަމެއް ހާސިލް ކުރުމަށްޓަކައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަޅުގަނޑު ހުށަހެޅީ 22 އިސްލާހެއް. ނަމަވެސް އެމްޑީޕީގެ ފަރާތުން 57 އިސްލާހެއް ހުށަހެޅި. އަދި ސަރުކާރުގެ އިދާރާތަކުގެ ހުށަހެޅުންތައްވެސް ކޮމެޓީތަކުގައި މަޝްވަރާ ކުރެވުނު. އަދި ކަމާބެހޭ ފަންނީ އިދާރާތަކާއި ސިޔާސީ އެކިއެކި ފަރާތްތަކާއި މަޝްވަރާކޮށް 80 އިސްލާހު ގެނެސްފައި ވާނެ"
އަލީ ނިޔާޒު


އިސްލާހު ކުރެވުނު ގާނޫނުގައި އެންމެ ބޮޑު އިސްކަމެއްދީފައި ވާނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވަން ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އަދި ކައުންސިލްތަކަކީ ރަށްވެހި ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށްޓަކައި އުފައްދައިފައިވާ މުއައްސަސާއެއް ކަމަށާއި އެއީ އެގްޒެކެޓިވް ކޮމެޓީއެއް ކަމަށް ގާނޫނޫގައި ވެސް ބުނެފައިވާ ކަަމަށެވެ.

އެހެންކަމުން ކައުންސިލް ތަކަކީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ބައެއްކަމަށް ނިޔާޒު ވިދާޅުވިއެވެ.