ސަރުކާރު ކޯލިޝަންގެ ބައިވެރިން ތިބީ ސިޔާސީ ބާރުވެރިކަމުން މަހުރޫމްވެ ޚިޔާލީ ދުނިޔެއެއްގައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

ޑރ ޖަމީލް މިހެން ވިދާލުވެފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު ކޯލިޝަނަށް ފާޑު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީގެ އިސްވެރިން އުތުރުގެ އަތޮޅުތަަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު އަންނަނީ މި ސަރުކާރަކީ އެމްޑީޕީން އެކަނި ގެނައި ސަރުކާރެއްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ކޯލިޝަންގެވެރިކަން ހިންގަން ބޭނުންވަނީ އެމްޑީޕީން އެކަނި ކަަމަށާ އިއްތިހާދެއްގެ ބޭނުމެއް ނެތް ކަމަށް ސާފު ބަހުން ނަޝީދު ވަނީ އިއުލާނު ކުރައްވާފަ އެވެ. ވައުދުތައް "ރަނުން ރަނަށް، އަކުރުން އަކުރަށް" ފުއްދަން އޮތް ހުރަހަކީވެސް ކޯލިޝަން ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވާ ޑރ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޯލިޝަނާއި ގުޅޭގޮތުން ރައީސް ނަޝީދު އައު ވާހަކަތަކެއް ނުދައްކަވާކަަމަށެވެ. މަޖިލީސް އިންތިހާބުގައިވެސް ކޯލިޝަނެއް ނެތްކަމަށެވެ. ކައުންސިލް އިންތިހާބުގައި އަމުދުން ކޯލިޝަނަށް އެކީގައި ހިނގޭނެ މަގެއްނެތްކަން ހާމަކުރައްވާ ޖަމީލް ވިދާޅުވީ ކޯލިޝަންގެ ބައިވެރިންތިބީ ޚިޔާލީ ދުނިއެއްގައި ކަމަށާ އެހެންތިބެ ސިޔާސީ ބާރުވެރިކަމުން މަހުރޫމްވެ ނިމެނީކަމަށެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ސަރުކާރު ކޯލިޝަނަށް ފާޑު ވިދާޅުވަމުން ދިޔަނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަން ދެމިއޮންނާނެކަމަށެވެ. އަދި ކޯލިޝަންގައި ދެމި ތިބޭނެކަމަށް ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް އަންނަނީ ބުނަމުންނެވެ.

ސަރުކާރު ކޯލިޝަންގައި ތިބެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލާތު ޕާޓީގެ އިތުރުން އެމްއާރުއެމް އެވެ.