• ސިޓީގެ މޭޔަރަކަށް  40،000 ރުފިޔާ
  • ޑެޕިއުޓީ މޭޔަރަކަށް 35،000 ރުފިޔާ

ކައުންސިލްތަކަށް ދޭން ސަރުކާރުން ކަނޑައެޅި މުސާރަ ހާމަކޮށްފިއެވެ.

ތިލަދުންމަތީ އިރުވައި ކޮންފަރެންސްގެ ނަމުގައި ކުޅުއްދުއްފުށީ ސިޓީގައި އެމްޑީޕީން މިއަދު ފެށި ކޮންފަރެންސްގައި، އިހަވަންދޫ ކައުންސިލްގެ ރައީސް ކައުންސިލަރުންގެ މުސާރައާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަށް ގާނޫނުގައި އޮތް ގޮތަށް ސަރުކާރުން، އަދަދުތަކެއް ކަނޑައަޅާފައިވާކަމަށާއި ނިންމުން މަޖްލީހަށް ފޮނުވާފައިވާކަމަށެވެ.

އަދި މަޖިލިސް ހުޅުވުމާއެކު އެކަމަށް މަޝްވަރާކުރެވި ނިންމުމެއް ނިންމިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މުސާރަ ޝީޓްގައި، ސިޓީގެ މޭޔަރަކަށް 40،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޑެޕިއުޓީ މޭޔަރަކަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލް މެމްބަރަކަށް 30،000 ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސްއަކަށް 28،000 ރުފިޔާ، ރަށު ކައުންސިލްގެ ރައީސްއަކަށް 23،000 ރުފިޔާ، ޑެޕިއުޓީއަށް 15،000 ރުފިޔާ އަދި މެންބަރަކަށް 12000 ރުފިޔާ ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުސާރަ ކަނޑައެޅުމުގައި މަސައްކަތް ކުރައްވާފައިވަނީ ހުރިހާ ކައުންސިލްތަކެއްވެސް ތަފާތު ނުކޮށް ހަމަހަމަކަމާއެކު ކުރިއަށްގެންދިޔުމަށްކަމަށެވެ.

އަޅުގަނޑުމެން ސިޓީތައް ކަނޑައެޅުމާއި، ފަސް މެންބަރުން ތިއްބަވާ ކައުންސިލަކާއި، ހަތް މެންބަރުން ތިއްބަވާ ކައުންސިލަކާވެސް ތަފާތުނުކޮށް މިކަން ނިންމާފައި މިއޮތީ. އެކަމު ފުރަތަމަ އައިއިރުގައި އޭގައި ހުރި ތަފާތުތަކެއް، މާލޭ ސިޓީއާއި އެެހެން ސިޓީތަކުގެ މޭޔަރުންނާއި ޑެޕިއުޓީންނާއި މުސާރަ ކަނޑައެޅުމުގައި. އަދި ރަށްރަށުގައިވެސް ފަސް މެންބަރުން ތިއްބަވާ ރަށަކާ ހަތް މެންބަރުން ތިއްބަވާ ރަށެއްގެ ހުރި ތަފާތުތަކެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުނީ ރަށު ކައުންސިލެއް ވެއްޖިއްޔާ އޮންނާން ވާނީ ހަމަހަމައަށޭ. ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްގެ މުސާރަތައް އެއޮތީ އެއްގޮތަށް ކަނޑައެޅިފައި.
ރައީސް

މި ކޮންފަރެންސްގައި އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރުންގެ އިތުރުން ރައްޔިތުުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަަވަ އެވެ.