ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންދޭ ގިނަ ޚިދުމަތްތަކެއް އައްޑޫ ސިޓީގައި އަލަށް ހަދާފައިވާ އިކުއެޓޯރިއަލް ހޮސްޕިޓަލުން ދެމުންދާއިރު މިއަދުވެސް އާ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ދެމުންދާއިރު އާ ހޮސްޕިޓަލުން، ސްކޭންގެ ޚިދުމަތާއިއެކު، އަންހެނުންގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތައް، ހަމުގެ ބަލިތައް، އަދި ދަތުގެ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ދަނީ ދެމުންނެވެ. މީގެ އިތުރުން ނަފްސާނީ ބަލިތަކާއި ކަށީގެ ބަލިތަކާއި ކަރުން މަތީގެ ބަލިތަކުގެ އިތުރުން އޮޕަރޭޝަންތަކާއި ގުޅޭ ޚާއްސަ ފަރުވާއާއި ޢާއްމު ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް އެ ހޮސްޕިޓަލުން ދެމުންދާކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ވިދާޅުވިއެވެ.

މި ޚިދުމަތްތައް އާ ހޮސްޕިޓަލުން ދެމުންދިޔަކަމުގައިވިޔަސް، ހިތަދޫ ރީނަޖަލް ހޮސްޕިޓަލުގައި ބައެއް ޚިދުމަތްތައް ދެމުންދާކަމަށާއި އެ ޚިދުމަތްތައްވެސް އާ ހޮސްޕިޓަލަށް ބަދަލުކުުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނެރިފައިވާ އިއުލާނެއްގައިވަނީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އާންމު ބަލިތަކުގެ ފަރުވާ ލިބޭނީ ހެނދުނު 8 އިން ހަވީރު 4 އާއި ހަމައަށް ކަމަށެވެ. ހަވީރު 4 އިން ފެށިގެން ރޭގަނޑު 10 އަކާއި ހަމައަށް އާއްމު ބަލިތަކުގެ ފަރުވާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ލިބެން ހުންނާނެ ކަމަށް ވެސް އެ އިޢުލާނުގައި ވެއެވެ.

އައްޑޫގައި ހަދާފައިވާ އާ ހޮސްޕިޓަލަކީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ.