ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީތަކަށް މަސައްކަތްކުރަން ނޭގޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

"އެމްޑީޕީގެ ތިލަދުންމަތީ އިރުވައި" ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ސިޔާސީ ޓީތަކުޕާން ނުރުހޭ ކަމެއް ނުވަތަ ގަދަކަމުން ކަމެއް ކުރުވާކަމަށް ވާނަމަ އެ ކަމެއްގެ ތެރޭގައި އުޅެންނޭގޭނެ ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ޕީޕީއެމް އަދި އެމްޑީޕީ ނޫން އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް އުޅެންނޭގޭނެ ކަމަށާއި ސިޔާސީ ޕާޓީތައް ހިންގަންވެސް ނޭގޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.


އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއް އުފައްދާހިތުން އުފެއްދި ޕާޓީއެއް ކަމަށާއި އޭރު އެންމެން ތިބީ އެކަމާ ދެކޮޅު ހަދައިގެން ކަމަށްވެސް ޝިފާޒް ވިދާޅުވިއެވެ. އަދި އެހެން ޕާޓީތަކަކީ އެމްޑީޕީން ސިޔާސީ ޕާޓީއެއް އުފައްދައިގެން ނިޒާމުތަކެއް އެކުލަވާލުމުން އެކަމަށް މަޖުބޫރުވެގެން ސިޔާސީ ޕާޓީތައް އުފެއްދި މީހުން ކަން ފާހަގަ ކުރައްވާ ޝިފާޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ފިކުރުގެ އެއްޗެއް ކަމަށާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތެރެއިން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ގެނައި ނިޒާމެއް ކަމަށެވެ.

2010 ވަނަ އަހަރު އެމްޑީޕީން ބޭނުންވާ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ލިބުނު ކަމަށާއި ނަމަވެސް ދަތި މަރުހަލާތަކަކަށް ފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު އެމްޑީޕީގެ ރައީސް ހައްޔަރު ކުރެވުނު ހިސާބުން ގިނަ ކަންތައްތަކެއް ހީނުކުރާފަދަ ހާލަތަކަށް ބަދަލުވެގެން ދިޔަ ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ހައްޔަރު ކުރުމާ ގުޅިގެން ކައުންސިލަރުން އިހްތިޖާޖު ކުރަންފެށި ކަމަށާއި އެކަން އެގޮތަށް އޭރު ކުރީ ކައުންސިލްތަކުގެ އިހްތިސޯސްތަކުގެ ތެރޭގައި ކަމަށެވެ. އެގޮތުން އެކަންކަން ކުށްވެރިކޮށް ކައުންސިލަރުން ނޫސްބަޔާން ނެރުނު ކަމަށް ޝިފާޒް ވިދާޅުވިއެވެ. އަދި ނެރެންފެށި އެ ނޫސްބަޔާންތަކާއެކު ލާމަރުކަޒީ ނިޒާމު ފޭރިގަންނަން ރައީސް ޔާމީން މަސައްކަތްކުރާކަން އެނގިހާމަވި ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އޭރު އަޅުގަނޑުމެންނަށް ހީވީ މީނާ މިކަން މިކުރަނީ ހަގީގަތުގައިވެސް ރައީސް ނަޝީދު މިނިވަންކުރަން ގޮވާލާތީ ކަމަށް. ދުވަސްކޮޅެއް ފަހުން އެނގުނީ ހަމައެކަނި އެހެންވެގެން ނޫން ކަން. ވައްކަން ކުރަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ކަން."
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް

މި ހުރިހާ ކަންތަކެއް ކަޑައްތު ކުރުމަށް ފަހު އެންމެ ފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކުމިހާރު ވަނީ މިކަމަށް ހައްލު ގެނެވިފައި ކަމަށް ޝިފާޒް ވިދާޅުވިއެވެ. ކައުންސިލްތަކަށް ދެން އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ ކަމަކީ އެހެނިހެން މުއައްސަސާތައް ޒިންމާދާރު ކުރުވުންކަން ފާހަގަކުރައްވާ ޝިފާޒް ވިދާޅުވީ ހަރުދަނާ ނުވާނަމަ އުނދަގޫތަކާ ކުރިމަތިވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ އެމްޑީޕީ ނޫން އެހެން ސިޔާސީ ޕާޓީތަކުން ކައުންސިލް އިންތިހާބަށް ނުކުމެގެން އުޅެނީ އެހެން އެއްވެސް ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށެވެ.