ވެކްސިން ޖެހުމާ ދެކޮޅު ހަދާ މީހުންނާ މެދު ގާނޫނީ ގޮތުން މިވަގުތު އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމު މިހެން ވިދާޅުވީ، ވެކްސިންއާއި ދެކޮޅު މީހުންނަށް ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއިން ފިޔަވަޅު އެޅިދާނެތޯ، ޑރ އަހްމަދު ޖަމްޝީދު ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުންނެވެ.

ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން ލިބޭފަދަ ކަމެއް ނުކުރުމާގުޅޭ ގޮތުން ވާ މި މާއްދާގައިވާ ގޮތުން ކުޑަކުދިންގެ ހައްޤުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި އެކުދިންގެ ހައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ މަނާކަމެކެވެ. މިފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެކަން ތަހުޤީޤުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ އާންމުންނަށް ޚިދުމަތެއް ދިނުމުގެ ލައިސަންސްއެއް ލިބިފައިވާ ފަރާތެއްނަމަ ލައިސަންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރ އަޅަންވާނެކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ ޝަމީމްް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށާއި އެ ގާނޫނަށް އަދި އަމަލުކުރަން ނުފެށޭތީ އެ ގާނޫނުގައި ބުނެފައިވާ ފިޔަވަޅުތައް ނޭޅުނު ނަމަވެސް، އެފަދަ ފަރާތްތަކާ މެދު އެހެން ގާނޫނުތަކުގެ ދަށުން އެޅެން ހުރި ފިޔަވަޅުތައް ބައްލަވާނެ ކަމަށެވެ.

ޑޮކްޓަރުން މިހާބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވަމުން މި ގެންދަނީ ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި، އަލުން ފެތުރެން ފެށުމާއި ގުޅިގެން، އޭގެ ސަބަބެއްގެ ގޮތުގައި ވެކްސިން ނުޖަހާކަން ފާހަގަކުރައްވަމުންނެވެ. މިއާއި އެކު ވެކްސިންނާއި ދެކޮޅު މީހުންގެ ވާހަކަތަކާއި އެފަދަ މީހުން ހިންގާ ވައިބަރ ގްރޫޕެއްގެ މައްސަލަވެސް ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.