މި އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށްވުރެ ހަރަދު އިތުރު ވެއްޖެއެވެ.

ފުރަތަމަ ހަފްތާގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 87.8 މިލިއަން ރުފިޔާ އެވެ. އަދި އެ ހަފްތާގައި ދައުލަތުން ވަނީ 219 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަފްތާގައި ޓެކްސްގެ ގޮތުގައި 54.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު. ޓެކްސް ނޫން ގޮތްގޮތުން 32.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ފުރަތަމަ ހަފްތާގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އެއްވެސް އެއްޗެއް ނުލިބެއެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތަށް ލިބިފައި ވަނީ 234.7 މިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 152.8 މިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތްގޮތުން ލިބުނު 93.3 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު ދެ ލައްކަ ރުފިޔާ އެވެ.

ފުރަތަމަ ހަފްތާގައި ދައުލަތުން 219.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު މީގެތެރޭގައި ހިމެނެނީ ދައުލަތް ހިންގުމަށް ނުވަތަ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކުރި 137.6 މިލިއަން ރުފިޔާ އާއި މުސާރަ އާއި ޕެންޝަނަށް ހޭދަކުރި 82.3 މިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމެންޓްތަކުގެ ގޮތުގައި 82 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުން ޖުމްލަ ހަރަދުކޮށްފައި ވަނީ 81.4 މިލިއަން ރުފިޔާ އެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަވި 79.8 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވި 1.6 މިލިއަން ރުފިޔާ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓްގެ ގޮތުގައި 37.9 ބިލިއަން ރުފިޔާ ފާސްކޮށްފައިވާއިރު 35.9 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.