ހުއިފިލަނޑާގެ 3 ބާވަތެއް ސައިޓީސް ކޮންވެންޝަންގެ އެޕެންޑިކްސް 2 ގައި ލިސްޓުކުރުމަށް ނިންމުމާ ގުޅިގެން، ރާއްޖޭގެ ހުއިފިލަނޑާގެ ވިޔަފާރިއަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތެއްގެ މަތީން ކުރިއަށް ދިއުމާ ގުޅޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަސައްކަތު ބައްދަލުމުވަކީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި "ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮފް ޕާޓީސް (ކޮޕް18) ގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯޓް ކުރާ 2 ބާވަތެއްގެ ހުއިފިލަނޑާ ހިމެނޭގޮތަށް، ހުއިފިލަނޑާގެ 3 ބާވަތެއް ސައިޓީސް ކޮންވެންޝަންގެ އެޕެންޑިކްސް 2 ގައި ލިސްޓުކުރުމަށް ނިންމުމާ ގުޅިގެން، ރާއްޖޭގެ ހުއިފިލަނޑާގެ ވިޔަފާރިއަށް ވީހާވެސް ގެއްލުން ކުޑަވާނޭ ގޮތެއްގެ މަތީން ކުރިއަށް ދިއުމާ ގުޅޭގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމެއް ކަމަށެވެ.

ނެތިހިނގައިދާނެކަމުގެ ބިރުއޮތް ދިރުންތަކުގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ މުއާހަދާ ކަމަށްވާ ސައިޓީސްގެ އެޕެންޑިކްސް 2 ގައި އަލަށް ހިމެނިފައިވާ 3 ބާވަތުގެ ތެރޭގައި ރާއްޖެއިން އާންމުގޮތެއްގައި ބޭރުކުރާ ދެބާވަތް ކަމަށްވާ ފަޅުބަޓު، އަދި ކަނޑުބަޓު ހިމެނެއެވެ. މި ނިންމުން ތަންފީޒު ކުރުމަށް އެއްއަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިމުއްދަތުގެ ފަހުން މި ދެ ބާވަތުގެ ހުއިފިލަނޑާ ބޭރުކުރެވޭނީ ވަކި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.

މިހުއްދަ ދިނުމަށްޓަކައި ސައިޓީސް ސައިންޓިފިކް އޮތޯރިޓީއަކުން ހުއިފިލަނޑާގެ ވިޔަފާރިއަކީ، އެވިޔަފާރީގެ ސަބަބުން ހުއިފިލަނޑާގެ އާބާދީ ދެމިއޮތުމަށް ނޭދެވޭ އަސަރެއް ނުފޯރާ މިންވަރެއްގައި ކުރެވޭ ވިޔަފާރިއެއްކަން ކަށަވަރުކުރަން ޖެހެއެވެ.

މިއަދު މިބޭއްވޭ މަސައްކަތު ބައްދަލުވުމަކީ ސައިޓީސްގެ މިނިންމުމާ ގުޅިގެން ހުއިފިލަނޑާގެ ބައިނަލްއަގްވާމީ ވިޔަފާރިއަށް ހުއްޓުމެއް ނުގެނެސް ކުރިއަށްގެންދިއުމަށް ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީގެ ހައިސިއްޔަތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެެއެވެ.

މިބައްދަލުވުމުގައި ހުއިފިލަނޑާ ބޭރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، މިމަސްވެރިކަމުގައި ކުރިއަށްދާނެ މަގަކާއިމެދު މި ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދާ މަޝްވަރާ ކުރެވޭނެއެވެ. މިބައްދަލުވުމުގައި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފިޝަރީޒް މެނޭޖްމަންޓް ޔުނިޓް އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ.

"ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޯރާ" ނުވަތަ ސައިޓީސް އަކީ، ދިރުންހުރި ބާވަތްތަކާއި، އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވެނީ އެބާވަތްތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުކުރާގޮތަށްކަން ކަށަވަރުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅައި ތަންފީޒުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ މުއާހަދާއެކެވެ.

ނެތި ހިނގައިދާނެކަމުގެ ބިރު އޮންނަ ބާވަތްތަކުގެ އާބާދީ ހިމާޔަތްކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ އެއްބަސްވުންތަކުގެ ތެރެއިން އެންމެ ބައިވެރިވުން ބޮޑު މިމުއާހަދާގައި ޖުމްލަ 183 ގައުމަކުން ބައިވެރިވެއެވެ. ރާއްޖެ ސައިޓީސް މުއާހަދާގައި ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.

ސައިޓީސް މުއާހަދާގެ ދަށުން، އެކި ބާވަތްތަކުގެ އާބާދީ ދެމެހެއްޓުމަށް ހިމާޔަތްކުރަން ޖެހޭ މިންވަރަށް ބިނާކޮށް، ތަފާތު 3 އެޕެންޑިކްސް އެއްގެ ދަށުން އެބާވަތްތަކާއި، އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރަން މެންބަރު ގައުމުތަކަށް ލާޒިމުވެއެވެ. މިގޮތުން މިފަދަ ބާވަތްތައް އިމްޕޯޓް ކުރުމާއި، އެކްސްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި ކަނޑުގެ ޒަރީއާއިން ގައުމުތަކަށް ތައާރަފުކުރުމަށް ވަކި ޚާއްސަ ހުއްދަތަކަކާއި ލައިސަންސްތަކެއް ކަނޑައެޅިފައި ވެއެވެ.

ސައިޓީސް މުއާހަދާގެ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) އަކީ، މި މުއާހަދާގެ މެންބަރު ގައުމުތަކުން ބައިވެރިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ސައިންޓިފިކް މައުލޫމާތާއި އެކި ބާވަތްތަކުގެ ބައިނަލްއަގްވާމީ ވިޔަފާރިއާއި ގުޅޭ މައުލޫމާތުގެ އަލީގައި، ބާވަތްތައް ލިސްޓުކުރެވޭ އެޕެންޑިކްސްތައް ކަނޑައެޅެއެވެ. އަދި، ލިސްޓު ކުރެވިފައިވާ ބާވަތްތަކުގެ އާބާދީއަށް އަންނަ ބަދަލަށް ބަލައި، ލިސްޓު މުރާޖައާ ކުރެވެނީވެސް މިބައްދަލުވުމުގައެވެ.