ރާއްޖޭގައި ފަގީރުންގެ ގޮތުގައި ބަލަނީ ދުވަލާކު 75 ރުފިޔާ ނުލިބޭ މީހުން ކަމުގައިވާއިރު އަތޮޅުތަކުގެ 12.8 އިންސައްތަ މީހުން އެ ދަރަޖައިގައި ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުޅުދުއްފުށީގައި "ތިލަދުންމަަތީ އިރުވައި ކޮންފަރެންސް"ގެ ނަމުގައި ކުރިޔަށް ގެންދާ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި "މިނިމަމް ވޭޖް" ރިޕޯޓަށް ބަލާލުމުން މާލެއާއި އަތޮޅުތަކުގެ ފަރަގު އެނގިގެންދިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެ މީހަކަށްވެސް ދުވާލެއްގެ މައްޗަށް މަދުވެގެން 75 ރުފިޔާ ލިބެން ޖެހޭ ކަމަށެވެ. ފަގީރުންގެ ނިސްބަތަށް ބަލާއިރު މާލެއާއި އަތޮޅުތަކުގައި ފަރަގު ވަރަށް ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ވަޒީފާ އަދާކޮށް މި އަދަދު ދުވާލެއްގެ މައްޗަށް ނުލިބޭ މީހުންގެ އިންސައްތަ މާލޭގައި ހުރީ 1.7 ގައި ކަމަށެވެ. އެހެންނަމަވެސް އަތޮޅުތަކުގައި 12.8 އިންސަތައް މީހުންނަކީ މި ފަންތީގެ މީހުން ކަމަށާއި ސަރުކާރުގެ އަމާޒަކީ މި ފަރަގު ނައްތާލުން ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރުމަށްބަލާއިރު މާލެއާ އަތޮޅުތަކާ ވަރަށް ބޮޑު ތަފާތެއް އެބައޮތް، ހަމަ އެކަނި ވަޒީފާގައި އުޅޭ މީހުންނާ ލިބޭ އާމްދަނީއަށް ބެލިކަމުގައިވީ ނަމަވެސް އެކަން ފެނޭ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ހޯދާފައި ހުރި މައުލޫމާތުތަކަށް ބަލާއިރުވެސް މިފަރަގުތައް ވަރަށް ބޮޑަށް އެބަފެނޭ
ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެއާއި މާލެ ކައިރީ ރަށްތައް ތަރައްގީ ކުރުން ނޫން ކަމަށެވެ. ހަމައެކަނި މަލެ ސަރަހައްދު ތަރައްގީކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އަމްދަނީގެ ފަރަގާއި ފަގީރުންގެ ގޮތުގައި ބެލެވޭ މީހުންގެ ނިސްބަތް ކުޑަކޮށްގެން ނޫނީ، ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގައި ވިސްނަން ޖެހޭ ކަންކަން ވަރަށްވެސް ގިނަ ކަމަށެވެ. އެގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކުގެ އިތުރަށް އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންވެސް އެބަތިބި ކަމަށެވެ. އަދި މިއިން ކޮންމެ ބައެއްގައިވެސް ތަފާތުތަކެއް އެބަހުރި ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން ލަފާ ދޭ ބޯޑެއް އެކުލަވާލައި، އެ ބޯޑުން ކުރި ދިރާސާތަކަށް ފަހު ރިޕޯޓެއް އެކުލަވާލުމަށް ފަހު އެ ރިޕޯޓު ވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. ރައީސް ވަނީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް މި ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.