މުުޖުތަމައު ޒިންމާދާރު ކުރުވުމަކީ ދަރިވަރުންގެ ވެސް ޒިންމާއެއް ކަމަށް ވިލާ ކޮލެޖްގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވެއްޖެއެވެ.

މި އަހަރު ވިލާ ކޮލެޖްގެ އެކިއެކި ކޯސްތަކުން ފުރުސަތު ހޯދި ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ ދިވެހިންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދިވެއްސަކަށްވީމަ ހުންނަން ޖެހޭނެ ސިފަތައް ލިބިގަންނަންޖެހޭނެ ކަމަށެވެ. ހިތަށްއެރިހާ ގޮތަކަށް ވާހަކަ ދެއްކުމަކީ އެ ސިފަތަކަށް ލިބޭ އުނިކަމެއް ކަމަށާއި މީހުންނާ ދިމާލަށް ހިތަށްއެރި އެއްޗެއް ކިޔުމަކީ ރީތި ސިފައެއް ނޫން ކަމަށް އަންވަރު ވިދާޅުވިއެވެ.

މުޖުތަމައުގެ ތެރޭގައި މިހާރު ފެންނަމުންދާ މަންޒަރަކީ އެކްސިޑެންޓެއް ނުވަތަ ހިތާމަވެރި ހާދިސާއެއް ހިނގައިފި ނަމަ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާއަށް ލުން." ރެކްޓަރު
ޑރ. އަހުމަދު އަންވަރު


އޯގާވަންތަ ޖަމާއަތެއް މުޖުތަމައުގެ ތެރެއިން އުފައްދަން ޖެހޭކަން ފާހަގަކުރައްވާ އަންވަރު ވިދާޅުވީ އެކަކުއަނެކަކަށް އޯގާތެރި ޖަމާއަތަކަށް އަޅުގަނޑުމެން ވާން ޖެހިއްޖެ ކަމަށެވެ. ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް މީހުންނަށް އަޅާލާ އާދަތައް ދަސްކުރަންވެސް މިހާރު ވެއްޖެ ކަމަށާއި އަދި ވާހަކަ ދައްކާއިރު ތެދުބަހުން ވާހަކަދައްކާ ބަޔަކަށްވެސްވާން ޖެހޭ ކަމަށް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އެންމެ މަތީ ބަހާއަކީ އިސްލާމްދީން ކަމަށް ހަދަންޖެހޭނެ ކަމަށާއި ކޮންމެ މީހަކީވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. ވިލާ ކޮލެޖްގެ ތާރީޚަށް އިޝާރާތްކުރައްވާ އަންވަރު ވަނީ ވިލާ ކޮލެޖަކީ ރާއްޖޭގައި ސަރުކާރުގެ ކޮލެޖްތައް ފިޔަވައި އެންމެ ފުރަތަމަ ގާއިމްކުރެވުނު އަމިއްލަ ކޮލެޖްކަން ފާހަގަކުރައްވާފައެވެ.

2007 ވަނަ އަހަރު ވުޖޫދުވި ވިލާ ކޮލެޖުން މިހާތަނަށް ތަފާތު އެކިކަހަލަ ކޯސްތައް ހިންގައި މޮޅެތި ދަރިވަރުންތަކެއް ބިނާކޮށްފައިވާ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. އަދި ވިލާ ކޮލެޖުގައި ކިޔަވައިދެއްވަނީ ފެންވަރު ރަގަޅު ޓީޗަރުން ކަމަށާއި ކިޔަވައިދެއްވަނީވެސް ފެންވަރު ރަގަޅުކޮށް ކަމަށް އަންވަރު ވިދާޅުވިއެވެ.

މި ސެޝަންގައި ވިލާ ކޮލެޖުގެ މިއަހަރުގެ ސްޓޫޑެންޓް އެމްބެސެޑަރުން ވަނީ އިފްތިތާހުކޮށްފައެވެ. މި ދަރިވަރުންނަށް ހަނދާނީ ލިޔުން ދިނުމާއެކު، ސެޝަންގެ ބައިވެރިންނާއި އެ ދަރިވަރުން ވަނީ ވާހަކަ ދައްކާފައެވެ.

މި އޮރިއެންޓޭޝަން ސެޝަން ޚާއްސަކުރެވިފައި ވަނީ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ދަރިވަރުންނަށެވެ. ސެޓްފިކެޓް ލެވެލް 3 އަދި ފައުންޑޭޝަން ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައި ވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖެނުއަރީ 2020 އެވެ.

ވިލާ ކޮލެޖުގައި ހިންގާ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރަށް ވިލާ ކޮލެޖުގެ އަތޮޅުތަކުގެ ކެމްޕަސްތަކާއި ލަރނިންގ ސެންޓަރުތަކުގައިވެސް ޖެނުއަރީ 2020 ސެމިސްޓަރގެ ކިޔެވުން ފެށިގެންދާނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ދަރިވަރުންނަށް މަހުންމަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.