މޫސުމަށް އަންނަ ބަދަލުތައް ހައްލުނުކޮށް ރާއްޖެއަށް ގެންނަން ބޭނުންވާ އެންމެ ފުރިހަމަ ތަރައްގީގެ މަންޒަރުތައް ފެނިގެން ނުދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަހަރަކު އެއްފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ބާއްވާ ރައިޒީނާ ޑައިލޮގުގައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއަކީ އުމްރާނީ ގޮތުންނާއި ސިޔަސީ ގޮތުންވެސް ގިނަ ކުރިއެރުންތަކެއް ހޯދައި ތަރައްގީވުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން ފަރުދީ ފެންވަރުން ފެށިގެން ގޮސް ގައުމީ ފެންވަރުގައިވެސް މި މަސައްކަތް ކުރަމުންދާ ކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއަކީ ކުޑަ އާބާދީއެއް އޮންނަ ޖަޒީރާ ގައުމަކަށް ވާއިރު މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މި ގައުމުގެ ރައްޔިތުން އެދެމުންދާ ފަދަ ތަރައްގީއާއި ސިޔާސީ ހަމަޖެހުމާއި އުމްރާނީ ތަރައްގީއަކީ މި ބަދަލުތަކަށް އެދެވޭ ހައްލެއް ލިބިގެން ނޫނީ ލިބޭނެ ތަރައްގީއެއް ނޫން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން އައިސްފައިމިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، ގުދުރަތީ ވެށި ހަލާކުވެ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު މި ބަދަލުތަކުގެ ސަބަބުން އެންމެ ބިރުވެތިވާން ޖެހޭ އަދި މި ބަދަލުތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހެނީ މި ކުޑަކުޑަ ރާއްޖެ ކަމަށެވެ.

އެގޮތުން މިހާރުވެސް ރާއްޖޭގެ ފަރުތައް ހަލާކުވެ މުރަކައިގެ ރީތި ބަގީޗާތައް ވީރާނާވަމުންދާ ކަމަށާއި އަތޮޅުތަކަށް ބަލާއިރު ރަށްގިރުމުގެ މައްސަލައާ ކުރިމަތިލާން ނުޖެހޭ ރަށެއް މަދު ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރަށް ރާއްޖެއަކީ މަސްވެރި ގައުމަކަށް ވާއިރު ކަނޑުގެ ލޮނުގަނޑަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އިގްތިސޯދީ މައި ތަނބެއް ކަމަށްވާ މަސްވެރިކަމަށްވެސް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު ވަނީ ރާއްޖެ ސަލާމަތްކުރުމަށް މި ހުރިހާ ކަމަކަށް ވިސްނައި ހުރިހާ ގައުމުތައްވެސް އަތުގުޅާލައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލުހޯދުމަށް ގޮވާލައްވާފައެވެ.

ރައިޒީނާ ޑައިލޮގަކީ ކޮންމެ އަހަރަކު އެއްފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ބާއްވާ ބާއްދަލުވުމެކެވެ. އެގޮތުން މިއަހަރުގެ ބައްދަލުވުން ބާއްވާފައިވަނީ ޖެނުއަރީ 14 އިން 16 އަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މިއަހަރުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި، އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.