ހަކަން ޝުކަރ އަކީ ތުރުކީގެ ތާރީޚުގައިވެސް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ. މުޅި ޔޫރަޕަށް ނިސްބަތްކުރާއިރުވެސް އެންމެ މޮޅު އެއްފޯވާޑެވެ. މިލިއަނަރ ސުޕަރ ސްޓާރެކެވެ. މިވަރުގެ ތަރިޔަކު މިއަދު ރެފިއުޖީއަކަށްވެ ޓެކްސީ ޑްރައިވަރަކަށްވީ ކީއްވެގެންބާވައެވެ.

އުމުރުން 48 އަހަރުގެ ހަކަން ޝުކަރގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ 2008 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަރކޮށް ސިޔާސީ މައިދާނަށް ނިކުތުމުންނެވެ. ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ޓިކެޓުގައި ތުރުކީގެ ޕާލަމެންޓުގެ ގޮނޑިޔަކަށް 2011 ވަނަ އަހަރު ޝުކަރ ހޮވުނެވެ. އެހެންނަމަވެސް ގިނަދުވަސްތަކެއް ނުވެ އުރުދުޣާންއާ މައްސަލަޖެހި ގައުމުވެސް ދޫކޮށް އެމެރިކާއަށް ހިޖުރަކުރަން މަޖުބޫރުވިއެވެ.

ޝުކަރގެ މުއްސަނދިކަން ފަގީރުކަމަށް ބަދަލުވީ 2016 ވަނަ އަހަރު އުރުދުޣާންއާ ދެކޮޅަށް ބަޔަކު ގެންނާން އުޅުނު ބަގާވާތުގެ ފަހަތުގައި ތިބި މީހުންގެ ތެރޭގައި ޝުކަރވެސް ހިމެނޭކަމަށް ތުހުމަތު ކުރެވި ތުރުކީގެ ބޭންކުތަކުގައިވާ ޝުކަރގެ ފައިސާތައް ހިފަހައްޓައި އެންމެހައި މުދާތައްވެސް ސަރުކާރުން ހިފެހެއްޓުމުންނެވެ. ޝުކަރ ހައްޔަރު ނުކުރެވުނީ އެމެރިކާގައި ހުރިކަމުންނެވެ. އެހެންނަމަވެސް ތުރުކީގައި ހުރިއްޔާ ހުރި އޭނާގެ ހުރިހާ އެއްޗެއްވަނީ ހިފަހައްޓާފައެވެ.

ތުރުކީގެ ބަގާވާތުގައި ޝުކަރގެ ދައުރަކީ ކޮބައިކަން އެއްވެސް ބަޔަކު ބުނެނުދެއެވެ. ޝުކަރ ވަނީ ސަރުކާރުގެ ހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. ގިނަބަޔަކު ގަބޫލުކުރާގޮތުގައި ޝުކަރގެ ކުށަކީ އަބްދު ﷲ ގުލެން އާ ގުޅުން އޮތުމެވެ. މި ގުލެންއަކީ ރައީސް އުރުދުޣާން ވިދާޅުވާގޮތުން ބަގާވާތުގެ މޭސްތިރިއެވެ. އޭނާވެސް ދިރިއުޅެނީ އެމެރިކާގައެވެ.

މުދަލާއި ފައިސާ ހިފެހެއްޓުމުން ޝުކަރގެ އަތުގައި މިއަދު އެކައްޗެއްވެސް ނެތެވެ. އެމެރިކާގައި ހުރެގެން އޭނާ މިހާރު ފައިސާ ހޯދުމަށް ކުރާ މަސައްކަތަކީ ޓެކްސީ ޑްރައިވަރުކަމެވެ. ދެން ފޮތްވިއްކުމެވެ. މިމަސައްކަތުން ކިރިޔާ ކައެގެންބޮއެގެން އުނުއަނދެގެން އުޅެވޭވަރުވަނީއެވެ.

ހަކަން ޝުކަރ ވަނީ 1992 އިން 2007 އަށް ތުރުކީގެ ގައުމީ ޓީމަށް 112 މެޗު ކުޅެދީ 57 ގޯލް ޖަހާފައެވެ. އޭނާ އެންމެ ގިނަދުވަހު ކުޅުނު ކުލަބަކީ ތުރުކީގެ ގަލަޓަސަރާއީއެވެ. ތުރުކީގެ ލީގުގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރިކޯޑު އޮތީވެސް ޝުކަރގެ އަތުގައެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ ބްލެކްބާން ރޯވާރޒްއަށްވެސް ޝުކަރ ވަނީ ކުޅެފައެވެ. ދުނިޔޭގެ ގިނަބަޔަކަށް ޝުކަރ ފާހަގަކުރެވިގެން ދިޔައީ 2002 ގެ ވޯލްޑްކަޕުންނެވެ. މުބާރާތުގެ ތިންވަނަ ހޯދީވެސް އެފަހަރު ތުރުކީއެވެ.

ހަކަން ޝުކަރ އަށް ދަތިކުރެއްވިޔަސް ފުޓްބޯޅަ ތަރީންނާ ރައީސް އުރުދުޣާން ގުޅުން ބާއްވަވައެވެ. އެގޮތުން އާސެނަލްގެ މެސުތު އޮޒިލްއަކީ އުރުދުޣާންގެ ގާތް މީހެކެވެ. އޮޒިލްއަކީ ޖަރުމަނަށް ނިސްބަތްވާ އެކަމަކު ތުރުކީ ނަސްލުގެ މީހެކެވެ. ޖާރމަނީގައި ފަހަކަށް އައިސް އޮޒިލްއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ފާޑުކިޔުންތަކުގެ އަސްލަކީވެސް އުރުދުޣާންއަށް އޮޒިލް ކުރާ ތާއީދެވެ.