މަހުގެ ބާވަތްތައް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުނި ކަމުގައިވާ، އެންޒީގެ އައު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އެންޒީގެ އާ ފިހާރަ ހުޅުވުމުގެ ގޮތުން އެންސިސް ގްރޫޕުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާއިރު، މި ޕްރޮމޯޝަނުގައި، އެ ފިހާރަ އިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހިލޭ މަސްދަޅެއް ލިބޭނެއެވެ. މީގެއިތުރުން އިތުރު ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ ކުރިމަތީގައި އިމާރާތްކޮށްފައިވާ ގޭގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

ފިހާރަ ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންސިސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް އިސްމާއިލް ވިދާޅުވީ، އެސަރަހަށްދުގައި އެންޒީގެ ފިހާރައެއް ހުޅުވީ، އެސަރަހަށްދަކީ ގިނަ ސުކޫލުތަކަކާއި، އޮފީސްތަކެއްވެސް ހުންނަ ސަރަހަށްދަކަށް ވުމުންކަމަށެވެ.

އެންޒީއަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަކަން ފާހަގަކޮށް ވަސީމް ވިދާޅުވީ އެކުންފުނިން އެންމެ ބޮޑަށް ބަލާ އެއް ކަމަކީ ބާޒާރުގައި މަހުގެ އަގު އުފުލުނަސް ކަސްޓަމަރުންނަށް އަތްފޯރާ ފަށެއްގެ އަގުތަކެއްގައި މަސް ވިއްކުންކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ވަރަށް ބޮޑަށް ލިބޭކަން އޭނަ ފާހަގަކުރިއެވެ.

މި ހުޅުވުނު އާ ފިހާރައިން ނާސްތާ އަށް ހާއްސަ ބާވަތްތައް ވެސް ލިބޭނެ ކަމަށް ވަސީމް ވިދާޅުވިއެވެ.

ވަސީމް އިތުރަށް ވިދާޅުވީ އެންސިސް އިން މާލެ އާއި ހުޅުމާލޭގައި ފިހާރަތައް ހުޅުވިޔަސް ރާއްޖޭގެ އެހެން ރަށްރަށުގައި އެގޮތަށް ފިހާރަތައް ހުޅުވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

އެންސިސް ކުންފުނިން އެންޒީގެ އުފެއްދުންތައް ވިއްކަން މިހާރު ހަތަރު ފިހާރައެއް ވަނީ ހުޅުވައިފަ އެވެ.