ރާއްޖެއިން ފެންނަން ފަށާފައިވާ ހިމަބިހީގެ ހާލަތު އިތުރަށް ގޯސްވިޔަސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސިއްހީ ދާއިރާއިން ވަނީ ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ބުދަ ދުވަހުގެ ރޭ އިރާކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރިއަށް ގެންދާއިރު، މާލެ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް ވެސް ވެކްސިން ދެމުންދާ ކަމަށެވެ. އަދި އާންމުންގެ ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު މިހާރު ވެކްސިން ޖަހާފައިވާ ކަމަށާއި މިގޮތުން އަންގާރަ ދުވަހުން ފެށިގެން ބުދަދުވަހުގެ އިރުއޮއްސުމާ ހަމައަށް 1200 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިން މިކަމަށް އަހުލުވެރިކޮށް ތަމްރީންކޮށް، ހޮސްޕިޓަލްތަކުގައި ވަސީލަތްތައް ގާއިމުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ހުޅުމާލޭގައި މިހާރު ވަނީ ޚިދުމަތް ދެވޭ ފެންވަރަށް ވަސީލަތްތައް ގާއިމުކުރެވިފައިކަން ފާހަގަކުރެއްވިއެވެ.

އަމީން ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޔުނިސެފް މެދުވެރިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިގޮތުން ކުރިއަށް އޮތް 7 ދުވަހާއި 10 ދުވަހާ ދޭތެރޭ އިތުރު ވެކްސިން ލިބޭނެ ކަމަށެވެ. ޓެސްޓް ހެދުމަށް އިތުރު ކިޓް ވެސް ހޯދަންޖެހޭ ކަމަށާއި އާދަޔާ ޚިލާފަށް ހިމަބިހި ފެތުރޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރަން ޖެހޭނެތީ އެކަން ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުމެންނަށް ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ފޯރުކޮށްދިނުމުގެ ދަތިކަން ކުރިމަތިނުވާނެ. ވެކްސިން ޖެހުމުގެ އިންތިޒާމުތައް ގާއިމުކުރެވިފައި ވަނީ. އަދި ހިމަބިހި ފެތުރިގެންދާ ހާލަތެއްގައި އެކަހެރިކޮށް ފަރުވާ ދިނުމަށް ހުންނަންޖެހޭ އިންތިޒާމުތައް ވެސް ފުރިހަމަކުރެވިފައި ވަނީ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ހެލްތު މިނިސްޓަރު ވިދާޅުވީ ހިމަބިހިން ރައްކާތެރިވުމަށް ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލެވި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މިގޮތުން ހިމަބިހި ފެތުރިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތްތަކަށް ވެސް މިހާރު ވަނީ ތައްޔާރުވެވިފައި ކަމަށެވެ. ބިދޭސީންގެ ފަރާތުން ހިމަބިހި ފެނުނު ނަމަވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރު ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބުދަދުވަހު ވެސް 15 މީހަކު ހިމަބިއްސަށް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެއްވެސް މީހަކު ޕޮޒިޓިވް ނޫން ކަމަށެވެ. މީގެ ތެރެއިން ބައެއް މީހުން އަދިވެސް އިތުރަށް ޓެސްޓްކޮށް ޔަގީންކުރާނެ ކަމަށެވެ.

ހިމަބިއްސަށް އާންމުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ކަމާބަހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.