އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައުޓަރ އައިލެންޑް ހާރބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫއަށް، އޯޕެކް ފަންޑުން ނެގުމަށް ހަމަޖެހިފައިވާ ފަންސާސް މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޢަބްދުލްހާމިދު އަލްޚަލީފާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އައުޓަރ އައިލެންޑް ހާރބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ބަދަރުތަކުގެ ތެރެއިން، ގިނަދުވަސްވެ ރައްކާތެރިކަމާއެކު ބޭނުންކުރެވޭ މިންވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ ބަނދަރުތައް އަލުން ހެދުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބ.ދޮންފަނު، ބ.ކުޑަރިކިލު، ބ.ކިހާދޫ، ގއ.ކޮލަމާފުށި އަދި ގއ.ހޯނޑެއްދޫ ބަނދަރުގެ ހާލަތު ދިރާސާކުރުމަށްފަހު އަލުން އާރާސްތުކުރުމަށް ވަނީ ކަނޑައަޅަފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖެއަކީ ފެންތިލަ ޤައުމަކަށްވުމުން ރަށްރަށުގެ ފެންފަށަލައަށް ދިމާވެފައިވާ މައްސަލަތަކާއި، ރަނގަޅު ނަރުދަމާ ނިޒާމެއް ޤާއިމްވެފައި ނެތުމުން ދިމާވަމުންދާ ސިއްޙީ އަދި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް، ސަރުކާރުން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ލޯނުގެ ދަށުން ބ.ދަރަވަންދޫގައި ނަރުދަމާ ޤާއިމްކުރުމަށާއި، ހދ. ނޭކުރެންދޫ، ހދ.ނެއްލައިދޫ، ހދ.މަކުނުދޫ، ށ.ފޭދޫ، ބ.ކެންދޫ، ގދ.ވާދޫ އަދި ގދ.ފިޔޯރީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމަށް ވަނީ ކަނޑައަޅާފައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލޯނަކީ ހަތަރެއް ޕޮއިންޓް ހައެއް އިންސައްތަ އިންޓަރެސްޓް ރޭޓެއްގައި، 5 އަހަރުގެ ގްރޭސް ޕީރިއަޑާއެކު، 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލޯނެއް ކަމަށްވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.