ދައުލަތަށް ގެއްލުންވާ ގޮތަށް ސީޕްލޭން ޓާރިމިނަލް ޓީއެމްއޭ އާއި ހަވާލުކޮށްފިނަމަ އެބަޔަކު ޖަވާބުދާރީ ކުރުވަން ފަސްނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދޭން މަސައްކަތް ކުރުމުން އަމިއްލަ ފަރާތަކުން އެ މަސައްކަތް ހުއްޓުވައިދިނުމަށް އެދި އޭސީސީއަށް މައްސަލަ އެއް ހުށަހަޅާފައިވާ ވަގުތެއްގައި މެމްބަރު ޔައުގޫބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތަށް ގެއްލުންވާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދީފިނަަ އެކަން ކުރި ބަޔަކު ޖަވާބުދާރީކުރުވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމުގައި ވެސް ޔައުގޫބް ވަނީ ވިދާޅުވެފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް މަސައްކަތަކީ އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތެވެ. އައު ޓާމިނަލް ހެދުމަށް 55 މިލިއަން ޑޮލަރު ނުވަތަ 849 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ލަފާކޮށްފައެވެ.

މިހާ ބޮޑު އަދަދެއް ހަރަދުކޮށްގެން އައު ސީޕްލޭން ޓާމިނަލް ހެދުމަށް ފަހު އެމްއޭސީއެލް އިން އެންމެ ފުރަތަމަ ނިންމީ މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަ އަގެއްގައި އާ ޓާމިނަލް ޓީއެމްއޭއަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް އެމްއޭސީއެލްގެ މިނިންމުން ކޮންމެވެސް ގޮތަކުން ހާމަވެ މައްސަލަ ހޫނުވުމުން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް ޓާމިނަލް ހިންގަން ގިނަވެގެން ކުއްޔަށް ދޫކުރާނީ ތިން އަހަރަށް ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން އާ ޓާމިނަލްގެ އެކިއެކި ކަންކަމާއި އެމްއޭސީއެލް އިން ހަވާލުވާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ. މި ކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވެފައިވަނީ އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމަށެވެ.

އެގޮތުން މިނިސްޓަރު ފައްޔާޒު ކުރެއްވި އެ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގީ އެއާޕޯޓް ތަރައްގީކުރުމާއި ހިންގުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްގައި ހުރުމުން ކަމަށެވެ. އެހެންކަމުން ކުޑަކުޑަ ސީޕްލޭން ޓާމިނަލެއް ހިންގައިލުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްއަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެތަން ރަނގަޅަށް އެކުންފުނިން ހިންގާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެކުންފުނިން ކުރިއަށްދާނީ އެއްބަސްވުންތަކަށް އިހުތިރާމުކޮށްގެން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރުމުން ރައްޔިތުންގެ މަޖިލީހުން ވަނީ މިކަމާ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީސް މެދުވެރިކޮށް ހަދާފަ އެވެ. އަދި ހާމަކޮށްފައި ނުވާ މި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއޭސީއެލް އިން މިހާރަށް ވުރެ ކުޑަ އަގެއްގައި ޓީއެމްއޭއަށް އާ ޓާމިނަލް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު ކުލީގެ ގޮތުގައި ލިބޭނީ 5.6 މިލިއަން ޑޮލަރު ނުވަތަ 86.5 މިލިއަން ރުފިޔާ އެވެ.

ނަމަވެސް އެމްއޭސީއެލް އިން އެތަން ހިންގުމާ ހަވާލުވެ ޓާމިނަލްގެ ތެރޭގައި ހުންނަ އޮފީސްތަކާއި ލައުންޖުތައް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު 47 މިލިއަން ޑޮލަރު ނުވަތަ 726 މިލިއަން ރުފިޔާ ލިބޭނެ ކަަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.