ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ނުފެންނަކަމަށް ޖޭއެސްސީން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއަރުވައިފިއެވެ.

ޖޭއެސްސީން އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަޙްމަދު ފާއިޒް ޙުސައިން އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އެކޮމިޝަނަށް ހުށައެޅުއްވި ހުށަހެޅުއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް އެ ކޮމިޝަނުގެ މަޝްވަރާއަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ހދ. ވައިކަރަދޫ ވައިޖެހޭގެ، އަލްއުސްތާޒު އަހުމަދު ފާއިޒް ހުސައިންއަކީ، އެބޭފުޅާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމްކޯޓުގެ އިޙްތިޞާޞުން ބޭރުން ދައުލަތުގެއެހެން މުއައްސަސާތަކުގެ އިޙްތިޞާޞްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާބޭފުޅެއްކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނު އަސާސީއާ ޚިލާފް ނިންމުންތަކާ ގުޅޭ ރިޕޯޓު އެކުލަވާލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓު ގައިވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ފާއިޒް އަދާކުރެއްވިއިރު ޢަމަލުކުރައްވާފައިވާގޮތަށްވެސް ޖޭއެސްސީން ބަލާފައިވާ ކަމަށް މަޢުލޫމާތުލިބޭ ކަމަށްވެސް މި ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

ޖޭއެސްސީން ނިންމާފައިވަނީ އެ މަޝްވަރާ ކޮމިޝަނަށް ބަލައިގަތުމަށާއި، އެހެންވެ، ފާއިޒް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންފައިވާ އަހުމަދު ފާއިޒު ހުސައިން އަކީ އިންތިގާލީ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރައްވައި، ދާއިމީ ސުޕްރީމްކޯޓުގެ ފުރަތަމަ އުއްތަމަފަނޑިޔާރެވެ. 2008 ވަނަ އަހަރު ސުޕްރީމްކޯޓު އުފެދުނީ ފަސް ފަނޑިޔާރުންގެ ބެންޗަކާއެކު ނަމަވެސް، 2010 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް ބަދަލުގެެނެސް، ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރެވުނެވެ. އެ ބެންޗުގައި ފާއިޒު ހިމެނިވަޑައިގަތް ނަމަވެސް ފަހުން އަނެއްކާވެސް 2014 ވަނަ އަހަރު ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން، ފަސް ފަނޑިޔާރުންނަށް ބެންޗު ކުޑަކުރެވި، މަގާމުން ވަކިކުރެވުނު ދެ ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ފާއިޒެވެ. އަނެއް ބޭފުޅަކީ މިހާރުގެ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މިވަގުތު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ފަނޑިޔާރު ޙުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.