އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ވާދަ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.


ވީނިއުސްއަށް މައުލޫމާތުދެއްވަމުން އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ހުރިހާ ޕާޓީތަކުންވެސް ބާއްވަމުން އަންނަ އިރު މީގެ ކުރިން ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުތަކުގައި ސިޔާސީ ޕާޓީތަކުން ވާދަ ކޮށްފައި ނުވާ ކަމަށެވެ.

އަދި މިއަދާއި ހަމައަށް އައި އިރުވެސް ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮންނަ ސުވާލެއް ސިޔާސީ ޕާޓީ އެއްގެ ނަމުގައި ވާދަ ކުރެވޭނެތޯ. ނުވަތަ ނޫންތޯ."
އަހުމަދު އަކްރަމް

އެހެންކަމުން އިލެކްޝަންސް ކޮމިޝަންގައި ކުރެވުނު މަޝްވަރާތަކުން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ނަމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތަށް ހަމަޖައްސާފައި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެކަމަކީ ގާނޫނުގައިވެސް ހުރަހެއް އޮތް ކަމެއް ނޫން ކަމަށާއި ގަވާއިދު ގެޒެޓް ކުރުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އާއި އެކުގައި އެ ކޮމިޝަނުން މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކުގެ މައްސަލައާ އިންތިހާބު ތެރޭގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކާއި ގުޅޭ ގޮތުން ފުލުހުންނާއި ޕީޖީއާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިންތިހާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލާއި އިންތިހާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްސީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.